މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ލިބިފައިވާ ފައިސާގެ އަދަދު 1.1 މިލިއަން ދިވެހި ރުފިޔާއަށްވުރެ މައްޗަށް އަރައިފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ހުޅުމާލެ، މާލެ އަދި ވިލިމާލެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޒަކާތް ދައްކާފައިވަނީ 24،429 މީހުންނެވެ. ބޭންކު، ދިރާގު އަދި އުރީދޫ މެދުވެރިކޮށް ޒަކާތް ދެއްކި ފަރާތްތައްވެސް މި އަދަދުގެ ތެރޭގައި ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީއަށް ޒަކާތުގެ ގޮތުގައި 7 ލައްކައަށްވުރެ ރުފިޔާ ލިބިފައިވާއިރު، އެމްއައިބީއަށް ވަނީ 31،000 އަށްވުރެ ގިނަ ރުފިޔާ، ދިރާގަށް 45،000 އަށް ވުރެ ގިނަ ރުފިޔާ، އުރީދޫ އަށް 18،000 އަށް ވުރެ ގިނަ ރުފިޔާ، ވިލިމާލެ ހައުސިން ޔުނިޓަށް 27،000 އަށް ވުރެ ގިނަ ރުފިޔާ، ބީއެމްއެލް މެދުވެރިކޮށް ޒަކާތުގެ ގޮތުގައި ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ، އެޗްޑީސީ އަށް ޒަކާތުގެ ގޮތުގައި 61،000 އަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިސްލާމިކް މިނިސްޓްރީއަކީ އެންމެ ގިނަ ބަޔަކު ޒަކާތްދައްކާފައިވާ ތަނެވެ. އެގޮތުން 10،000 އަށްވުރެ ގިނަ މީހުންވަނީ އެ މިނިސްޓްރީއަށް ޒަކާތް ދައްކާފައެވެ.
ރާއްޖޭގެ އެހެން ރަށްރަށުން ޒަކާތުގެ ގޮތުގައި ކައުންސިލްތަކަށް ދެއްކި އަދަދެއް އިސްލާމިކް މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.
މާލެ، ވިލިމާލެ އަދި ހުޅުމާލެ ސަރަހައްދުން ޒަކާތް ދައްކަން ޖެހޭ އަގުތައް
- އާދައިގެ ހަނޑުލުން 15ރ.
- ތައިލެންޑް ހުދު ހަނޑުލުން 45ރ.
- ބާސްމަތީ ހަނޑުލުން 95ރ.
- ރަތް ހަނޑުލުން 75ރ.
- އާދައިގެ ފުށުން 15ރ.
- އާޓާ ފުށުން 60ރ.
ރަށްތަކުގެ މީހުންގެ އަތުން ޒަކާތުގެ ގޮތުގައި ނަގާނެ މިންވަރު ކަނޑައަޅާނީ އެ ރަށެއްގެ ކައުންސިލުންނެވެ. އެކަމުގެ ފަހަތުގައިވާ ސަބަބަކީ ރަށްރަށުގައި ކާބޯތަކެތި ވިއްކާ އަގާއި މާލޭގައި ކާބޯތަކެތި ވިއްކާ އަގު ތަފާތުވުމެވެ.
ކޮންމެ ރަސްމީ ދުވަހެއްގެވެސް ހެނދުނު 09:30 އިން ފެށިގެން މެންދުރު 13:00 އާއި ހަމައަށް ޒަކާތްނެގުން ކުރިއަށް ގެންދާނެއެވެ.