އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރަން މެޑަލް ހޯދި ދުވުންތެރިޔާ ހަސަން ސާއިދު ހިމަނައިގެން، މި އަހަރުގެ ގޭމްސްގައި ވާދަކުރަން އެތުލެޓިކްސް އިން 16 އެތުލީޓުންގެ ސްކޮޑެއް އިއުލާންކޮށްފި އެވެ.

ޖުލައި 28 ގައި މޮރިޝަސްގައި ފަށާ ގޭމްސް އަށް ދާ އެތުލެޓިކްސްގެ މިޑްލް އެންޑް ލޯންގް ޑިސްޓެންސް ޓީމުގައި ހިމެނެނީ ހުސެއިން ރިޒާ އާއި ހުސެއިން ފަޒީލް ހާރޫނާއި މުހައްމަދު ނާއިލާއި އަހުމަދު ޝަރަފް އަދި ޝިފާޒް މުހައްމަދެވެ. މީގެ ތެރެއިން ރިޒާ އާއި ފަޒީލް އަދި ނާއިލް ވަނީ އިންޑިއާ ކޯޗު ޝިވަނަންޑާ އަލަގަވަޑީގެ ބެލުމުގެ ދަށުން ތަމްރީން ހަދަން އިއްޔެ އިންޑިއާގެ ބެންގަލޫރަށް ފުރައިފަ އެވެ. ހާފް މެރެތަން އަށް ތައްޔާރުވުމަށް ޝިފާޒް ކެންޔާގައި ތަމްރީން ހަދަމުން އަންނައިރު ޝަރަފް އަންނަނީ މޮރޮކޯގައި ތަމްރީންތައް ކުރިއަށްގެންދަމުންނެވެ.

މީގެ ހަތަރު އަހަރު ކުރިން ބޭއްވި ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި މަލްޓި ސްޕޯޓްސް ގޭމްސްއަކުން ރަން މެޑެއްޔެއް ހާސިލްކުރި ކުރި ފުރަތަމަ އެތުލީޓުގެ ޝަރަފް ހޯދި ސާއިދުގެ އިތުރުން ފިރިހެން ސްޕްރިންޓް ޓީމުގައި ހިމެނެނީ ސަރީސް އަހުމަދާއި އިބްރާހިމް އަފްޝާން އަލީ (އައްޕި) އާއި ނުޖޫމް ހަސަން އަދި އިބާދުﷲ އާދަމެވެ. އެ ފަސް ދުވުންތެރިން ތަމްރީންތައް ހެދުމަށް މާދަމާރޭ މެލޭޝިއާ އަށް ފުރާނެ އެވެ. ކޯޗަކީ އަހުމަދު ފާއިލެވެ.

ހަ އެތުލީޓުން ހިމެނޭ އަންހެން ޓީމުން އެންމެ ފާހަގަކޮށްލެވޭ ދުވުންތެރިޔަކީ ރާއްޖޭގެ ފަސް ކިލޯމީޓަރު، 10 ކިލޯމީޓަރު، 20 ކިލޯމީޓަރު، ހާފް މެރަތަން އަދި މެރެތަންގެ ރެކޯޑް އޮންނަ މަރިޔަމް އަބްދުލްކަރީމް (މަރީ) އެވެ. މިއީ މީގެ ހަތަރު އަހަރު ކުރިން ރަސްމީކޮށް ދުވުމުގެ ތެރެއަށް ވަން މަރީގެ ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތެވެ.

މިދިޔަ މަހު އޮތް އޭޝިއަން ޗެމްޕިއަންޝިޕުގައި ރާއްޖޭން ހޯދި ކާމިޔާބީތަކާ އެކު، މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ފަސް މެޑަލް ހޯދުމަށް ކުރަމުން އަންނަ މަސައްކަތާ މެދު އުއްމީދުއާވެއްޖެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

އޭޝިއަން ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ސާއިދު ވަނީ 100 މީޓަރު ދުވުމުން ސެމީ ފައިނަލުގައި ދުވެފަ އެވެ. އަދި ހުސެއިން ފަޒީލް ހާރުން ވަނީ 10،000 މީޓަރު ދުވުމާއި 5000 މީޓަރު ދުވުމުން ގައުމީ ރެކޯޑް މުގުރާލައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *