މިއަހަރުތެރޭ ރާއްޖޭގެ އިތުރު ފަސް ސަރަހައްދަކަަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނަހުލާ ހާމަ ކުރެއްވި ގޮތުގައި ނ. މާފަރާއި، ޅ. މަޑިވަރާއި، ށ.ފުނަދޫގެ އިތުރުން ގދ. މާވަރުލު އަދި ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތުގެ ބޮޑު ބައެއްވަނީ މިހާރު ނިިމިފައެވެ.
އެގޮތުން މި އަހަރުތެރޭ އެ އެއާޕޯޓުތަކަށް އާއްމު ދަތުރުތައް ފަށާނެ ކަމަަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މާފަރު އެއާޕޯޓާއި ފުނަދޫ އެއާޕޯޓުގެ ދަތުުރުތައް ފަށަން ހަމަޖައްސާފައިވަނީ އޮގަސްޓު މަހުގެ ތެރޭގައެވެ. މާފަރު އެއާޕޯޓަށް މިދިޔަ އޮގަސްޓްމަހު ޓެސްޓް ފްލައިޓް ޖެއްސިއިރު މިހާރު ކުރަމުން އަންނަނީ ފެސިލިޓީ ބިލްޑިންގުތައް ނިންމުމުގެ މަސައްކަތްތައް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ ތެރޭގައި ޓާމިނަލާއި ގަރާޖާއި ކާގޯ ބިލްޑިންނާއި ސްޓާފް އެކޮމޮޑޭޝަން ހިމެނެއެވެ. އެ ތަންތަނުގެ މަސައްކަތުގެ 90 ޕަސެންޓް ވަނީ ނިމިފައެވެ.
އެ އެއާޕޯޓުތަކުގެ ތެރެއިން އެންމެ އަވަހަށް ދަތުރުތައް ފަށަން ހަމަޖައްސާފައި ވަނީ ކުޅުދުއްފުށީ އެއާޕޯޓަށެވެ. އެތަނަށް މިދިޔަ ސެޕްޓެމްބަރު މަހު ތެރޭގައި ޓެސްޓް ފްލައިޓު ޖައްސާފައިވާއިރު، އޭގެ ފަހުން ވެސް ޗާޓާޑު ބައެއް ދަތުރުތައް ކޮށްފައިވެއެވެ. ނަމަވެސް ޝެޑިއުލް ދަތުރުތަކެއް ނުފަށައެވެ. އެތަނުގައި މިހާރު ކުރަނީ ޓާމިނަލް ބިލްޑިން ނިންމުމުގެ މަސައްކަތެވެ.
ފުނަދޫ އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަންގެ މަސައްކަތްތައް ނިންމާފައިވާއިރު، މިހާރު ކުރަނީ ޓާމިނަލާއި ފަޔަރ އެންޑް ރެސްކިއު އިމާރާތުގެ މަސައްކަތްތަކެވެ. އަންނަ ޖުލައިގެ ނިޔަލަށް އެ މަސައްކަތްތައް ނިންމާލެވޭނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެ އެއާޕޯޓުގެ ޓެސްޓް ފްލައިޓް ޖެއްސުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ނިމިފައިވީ ނަމަވެސް ޓެސްޓް ފްލައިޓް ޖައްސާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މާވަރުލާއި މަޑިވަރު އެއާޕޯޓުގެ އާއްމު ދަތުރުތައް މި އަހަރު ނިމުމުގެ ކުރިން ފަށާނެ އެވެ.
މި އަހަރުގެ ތެރޭގައި ފަސް އެއާޕޯޓެއް ހުޅުވާއިރު، މިހާރު ވެސް އިތުރު ދެ އެއާޕޯޓެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެއީ ހއ. ހޯރަފުއްޓާއި ގދ. ފަރެސްމާތޮޑާ އެއާޕޯޓެވެ.