އަންހެނުންގެ އުދާސްތަކާއި އެމީހުންގެ ހިތުގެ ޝަކުވާތައް އަބަދުވެސް އިއްވަމުންދެއެވެ. އެކި މީހުންގެ ކަންފަތް ދޮށުގައެވެ. އެކި ގޭގެ ޖޯލިފަތިތަކުގައި ސިމިސިމި ލައްވާފައި ގޭގައި ހިނގާ ކަންކަމާއި މި ނޫންވެސް މީހުންނާ ޖެހިފައި ހުންނަ މައްސަލަތައް ހިއްސާކޮށްހަދައެވެ. ބައެއް އަންހެނުން މިކަންތައް ކުރުމުގައި މީސްމީޑިއާވެސް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެއެވެ. ދެން އިވޭނީ އެމީހުން ކަންކަމާއި ސްޓްރެސްވެ، ޑިޕްރެސް ވާ މީހުންނޭ ކިޔާ ވާހަކައިގެ އަޑެވެ. ގިނަ މީހުން މިކަން ސިފަކޮށްދެނީ ފިރިހެނުންގެ ސަބަބުން ނުވަތަ އެމީހުންގެ ފިރިންގެ ސަބަބުން ދިމާވާ ކަންކަމުގެ ގޮތުގައެވެ. މިއީ ތެދަކަށް ވެދާނެއެވެ. ނަމަވެސް ގިނަ މީހުންނަށް ނުވިސްނޭ ކަމަކީ ފިރިހެނުން ގިނައިން އެމީހުން ސްޓްރެސްވެ އުޅޭކަން ދައްކައި ނޫޅުނަސް އެމީހުންނަކީވެސް ސްޓްރެސްވެ ހާސްވާ ބައެއް ކަމެއްކަމެވެ.
ކޮންމެ މީހަކަށްވެސް އެނގޭނެ ފަދައިން ދިވެހި އާދަކާދައިގައި އޮންނަ ގޮތުގެ މަތިން ގެވެހި މަސައްކަތް ޢާންމުކޮށް ކުރަނީ އަންހެނުންނެވެ. އިނދެގެން އުޅޭ ދެމަފިރިންނަމަ އަނބިންނެވެ. އެހެންކަމުން ސްޓްރެސްވާނެ ކަންކަން ކުރިމަތިވާނެކަން ޔަގީނެވެ. ގޭގައި ކުރަން ޖެހިފައި ހުންނަ މަސައްކަތްތައް ކުރަމުން ދަރިން ބަލަމުން، ކައްކަމުން، އަންނައުނު ދޮވެ އިސްތިރި ކުރަމުން ކަންކަން ކުރާއިރު ސްޓްރެސް ނުވެއެއް ނުދާނެއެވެ. އަދި އަންހެނުންގެ ޠަބީއަތް ހުންނަ ގޮތުން އެމީހުންނަކީ އެފަދަ ޝަކުވާތައް ކުރަން ބޭނުންވާ މީހުންވެސް މެއެވެ. މައްސަލަ ޖެހޭ ހިސާބަކީ ސްޓްރެސް ވަނީ ހަމައެކަނި އެމީހުންކަމަށް ދެކި، ފިރިންނަކީ ކަންކަމާއި ހާސްވެ ކަންބޮޑުވެ ފިކުރުކުރާ ބައެއްގެ ގޮތުގައި ނުބެލުމުންނެވެ.
ދީނީ ގޮތުން ބަލާއިރު ކައިވެންޏެއްގައި ފިރިއެއްގެ މަޤާމު ވަރަށް ސާފެވެ. އަނބިންނަކީ ދީނާއި ޚިލާފުނުވާ ކޮންމެ ޙާލެއްގައި ފިރިންނަށް ބޯލަނބައި ކިޔަމަން ގަންނަން ޖެހޭނެ މީހުންނެވެ. މި ފަދަ ބާރެއް ފިރިންނަށް ދެއްވާފައިވަނީ ގިނަ އަދަދެއްގެ ޒިންމާތަކަކާއި ވެސް އެއްކޮށެވެ. އެގޮތުން ގެއަށާއި އަނބިދަރިންނަށް ބޭނުންވާ ހުރިހާ މާލީ އެހީއަކާއި ރައްކާތެރިކަމެއް ފޯރުކޮށްދިނުމަކީ ފިރިންގެ ބޮލުގައި އެޅިފައި އޮތް ވާޖިބެކެވެ. އަނބިދަރިންނަށް ދިމާވާ ކޮންމެ މައްސަލައެއްގައި ދުރާއިގާތުން އެހީވާން ތިބޭނެ ބަޔަކީވެސް ހަމައެއީއެވެ.
އަނބިމީހާ ހާސްވާން ޖެހޭނީ އަންނައުނުތައް ނުދޮވެމުންނެވެ. އަންނައުނު ދޮވުމަށް ބޭނުންވާ މެޝިން އަދި ދޮންނަކުނޑި ހޯދައިދޭން ހުންނާނީ ފިރިމީހާއެވެ. އަދި ހޯދައިދޭން ފިރިމީހާ ނުކުޅެދިއްޖެ ހާލަތެއްގައި އަނބިމީހާގެ ރުންކުރު ބަސްތަކާއި ޝަކުވާތައް އިއްވާނީވެސް ހަމަ ފިރިމީހާއަށެވެ. އެންމެ ފަހުން އެއްޗެހި ނުދޮވުމުން ހާސްވާން ޖެހިފައި އޮންނާނީ ހަމަ ފިރިމީހާއާއެވެ.
ގިނަ ފިރިން ގެއަށް ނުގޮސް ކޮފީތަކުގައި އިންނަ ސަބަބުތަކުގެ ތެރެއިން އެއް ސަބަބަކީވެސް މިއީއެވެ. އެއްވެސް ހާލެއްގައި ކޮފީބޯން ދުވާލު ދާ ހަތަރުދަމާއި ރޭގަނޑުގެ ބޮޑު ބައެއް ހޭދަކޮށް ކެފޭތަކުގައިއާއި ރެސްޓޯރެންޓްތަކުގައި އިނުމަކީ މޮޅު ކަމެއް ނޫނެވެ. ނަމަވެސް ބައެއް ފިރިހެނުން އެފަދައިން ކަންތައް ކުރަނީ ގެއަށް ވަންނަ ކޮންމެ ފަހަރަކު އަނބިމީހާ ބޮލުކޮށާ ދޫންޏެއްހެން އައިސް ޝަކުވާތައް ކުރާތީއެވެ. އަނބިންވެސް ޝަކުވާކުރުމަކުން ގޯހެއްނެތެވެ. ނަމަވެސް ޝަކުވާ ކުރުމުގައިވެސް ރީތި އުސޫލެއް ގެންގުޅެން ވާނެއެވެ.
ފިރިހެނުންގެ ބޮލުގައި ހިނގާ ކަންކަން އެމީހުންގެ ދުލުން ބަޔާންކޮށް ނޫޅުނަސް އެމީހުން ސްޓްރެސްވާންޖެހޭ ކަންކަން ވެސް ގުނައި އަދަދު ނުކުރެވޭ ވަރަށް ހުންނާނެކަން ޔަގީނެވެ. ގޭގެ ކުލި، ކަރަންޓް ބިލް، ފެން ބިލް، ފޯނުބިލް، ކާންބޯން ހޭދަކުރާ ފައިސާ ފަދަ ހުރިހާ އެއްޗަކަށް ބޭނުންވާ ފައިސާ ގެއައަށް ވެއްދުމުގެ މަސްއޫލިއްޔަތު ބޮލުގައި އަޅައިގެން ހުރި މީހެއްގެ ދުލުން ގުނައި އަދަދު ނުކުރެވޭހައި ގިނަ ސްޓްރެސްވާ ސަބަބުތައް ބޭރުކުރަން ހުންނާނެއެވެ. ނަމަވެސް އެމީހުންގެ ޠަބީއަތް ހުންނަ ގޮތުން އެފަދައިން ކަންތައް ކުރަން އެމީހުން ބޭނުންނުވަނީއެވެ. ދިމާވާ ކޮންމެ ކަމެއްގައިވެސް ދައްކަނީ ކެތްތެރިކަމެވެ.
ހަގީގަތުގައި ގިނަ ފިރިހެނުންނަކީ އައްސަރިބަހާއި ސާބަސް ހައްގުވާ މީހުންނެވެ. އަނބިންވެސް އެމީހުންނަށް ޝުކުރު އަދާކުރަން ބޭނުންނަމަ ކުރާ ޝަކުވާތައް މަދުކޮށްލައި، ކުރަން ޖެހޭ ޝަކުވާތައް ކުރުމުގައި ގެންގުޅޭ އުސޫލު ބަދަލުކުރަން އެބަޖެހެއެވެ. ފިރިންނަކީވެސް ހަމަ އިންސާނުން ވިއްޔާއެވެ.