ދިވެހިންނަކީ އެންމެ ކުރީ ޒަމާނުއްސުރެން ތަފާތު އެކި ސަގާފަތްތައް ދިރުވާ އެ އާދަކާދަ ތަކުގައި ހިފަހައްޓާ ބައެކެވެ. އެގޮތުން ރޯދަމަހުގައި ކުރުމަށް ވަކި ހާއްސަ ކަންތަކެއްވާއިރު އީދުގައި ކުރާނީ މުޅިން އެއާއި ތަފާތު ކަންތަކެވެ. މިގޮތަށް ދިވެހިން ކުރާ ކޮންމެކަމެއްވެސް ގުޅިގެންދަނީ ދިވެހި ސަގާފަތާއެވެ. ރޯދައިގެ ކުރިން މާހަފައެވެ. ރޯދަ މަހު ތަރާވީސްދަން އޮވެއެވެ. ރޯދަ ނިންމާފައި ޢީދުގައިވެސް ގިނަ ކަންކަން ކުރެއެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ މިހެންކުރާ ކޮންމެ ކަމެއްގައިމެ ކުދިބޮޑު އެންމެން ޝާމިލުވެ، އެއްބައިވަންތަކަން އޭގެ އެންމެ އުހުގައި ދައްކާކަމެވެ.
ރޯދަމަހަކީ ދިވެހިންނަށް އެކި ގޮތްގޮތުން ޚާއްސަ މަހަކަށް ވާއިރު، ރޯދަ ކުރުކުރުމަށްވެސް ގިނަ ކަންކަން ރާވާ ހިންގައެވެ. ޚާއްސަކޮށް މީގެ ފަނަރަ ވަރަކަށް އަހަރު ކުރިއަށް ބަލާލާއިރު، ރޯދަމަހުގައި ދިވެހިން ކުޅަ ފިސާރި ވަރުގަދަ ކަމެއް އޮވެއެވެ. އޭރުގައި ގޭތަކުގައި އައިސްއަލަމާރި މަދެވެ. ހުއްޓަސް ހުންނަނީ ކުދި އައިސް އަލަމާރި ތަކެވެ. ނޫނީ ފިހާރައަކުން ގަނޑުފެން ކޮތަޅެއް ގަނެގެން ފަނި ގިރާލާ ފެން ފިނިކޮށް ހަދައެވެ.
އޭރުގައި ދިވެހިން، ޚާއްސަކޮށް ކުޅަ އެންމެ މޮޅު ކަމަކީ ފެންވަރާ ވަޅަށް ކުރުނބާ ތިރިކުރުމެވެ. ރޯދަ ވީއްލާ ގަޑީގައި ފިނިކޮށް ކުރުނބާ ބޭއްވުމަށް އެކި މީހުން އެކި ސައިޒުގެ ކުރުނބާ، ކޮށާ މަށާ، ރޯދަ ކުރުނބާ ތައްޔާރުކޮށް އެ ވަޅަށް ތިރިކުރެއެވެ.
އެ ގޮތުން ރޯދަ ކުރުނބާ މަށާފައި އޭގެ ވަށައިން ފަށެށް ބަނުމަށްފަހު އެ ފިނިކުރުމަށް ގާތްގަޑަކަށް އެ ދުވަހުގެ މެންދުރު 12 ޖަހާކަންހާއިރު އެ ކުރުނބާ ވަޅަށް ދޫކޮށްލައެވެ. އެގޮތުން މަޢުރިބު ނަމާދު ވަގުތު ކައިރި ވަންދެން އެ ކުރުނބާ ބާއްވަނީ ވަޅުތެރޭގައެވެ.
މިކަމާބެހޭ ގޮތުން އަޅުގަނޑު ދުވަސްވީ މީހެއް ކައިރީ ސުވާލުކޮށްލުމުން ބުނީ އެހެން ކުރުނބާ ވަޅަށްލުމުން ހަމަ ފިނިވާ ކަމަށާއި އޭރު ކުޑަކުދިން އެކަން ކުރަމުން އައީވެސް ވާދަވެރި ކަމާއިއެކު ކަމަށަވެ. އެގޮތުން އެ ވާދަވެރިކަމުގެ ތެރޭގައި ރޯދަވީއްލާއިރު އެންމެ ފިނި ކުރުނބާ ލިބެނީ ކާކަށްތޯ ބަލައި އަނެއް ދުވަހަށް އެއަށްވުރެ ފިނި ކުރުނބާއެއް ހަދަން މަސައްކަތްކުރާ ކަމަށްވެއެވެ.
އެޒަމާނުގެ ދުވަސްތައް ހަނދާނަށް ގެންނަމުން އޭނާ ބުނީ އެޒަމާނުގައި ކުރި ކޮންމެ ކަމަކުންމެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިއްބައިދޭ ކަމަށާއި، އޭރުގެ ހަނދާން ތަކަކީ އަބަދުވެސް ހިތުގެ އެންމެ ފުންމިނުގައި ރައްކާ ކުރެވިފައިވާ ކަންތައް ކަމަށެވެ.
މި ލިޔުން ކިޔާލުމަށްފަހު އަޖުމަ ބަލާލުމަށް މި ރޯދަ މަހު ކުރުނބަލެއް ވަޅަށް ލައިގެން ފިނިކުރެވޭތޯ ބަލާށެވެ. ހަަމަ ގައިމުވެސް މިކަން ވެގެންދާނީ ރޯދަ މަހުގައި ކޮށްލެވޭ ތަފާތު ކަމެއްގެ ގޮތުގައެވެ.