އެއިންޓްރެކްޓް ފްރެންކްފަޓް އަތުން އަމިއްލަ ދަނޑުގައި މިރޭ 5-1 އިން މޮޅުވެ ބަޔާން މިއުނިކުން ޖަރުމަން ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ހަތް ވަނަ ފަހަރަށް ހޯދައިފިއެވެ.
މިއީ ބަޔާނުން މި ލީގު ހޯދި 29 ވަނަ ފަހަރެވެ.
ލީގަށް ވާދަކުރަމުން އައި ބޮރޫޝިއާ ޑޯޓްމަންޑުން މިރޭ ބޮރޫޝިއާ މޮންގްލަޑްބެކް އަތުން 2-0 އިން މޮޅުވި ނަމަވެސް އެ ޓީމަށް ފުރުސަތެއް އޮތީ ބަޔާން ބަލިވެގެންނެވެ. ނަމަވެސް މިރޭގެ މެޗުން މޮޅުވެ ބަޔާނުން ތިން ޕޮއިންޓް ހޯދައި ޖުމްލަ 78 ޕޮއިންޓާ އެކު ލީގު ކަށަވަރުކުރީ އެވެ. ޑޯޓްމަންޑުން ލީގު ނިންމާލަން ޖެހުނީ ދެވަނައިގައި އޮވެއެވެ.
ބަޔާނުން ލީޑު ނެގީ މެޗުގެ ހަތަރުވަނަ މިނެޓުގައެވެ. އެ ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަންއެވެ. އޭގެ ފަހުން ފްރެންކްފަޓުގެ ސެބަސްޓިއަން ހޯލާ ވަނީ 50 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްދީފައެވެ. ބަޔާނަށް ލީޑު ނަގާދިނީ އޭގެ ތިން މިނެޓް ފަހުން އަަލަބާއެވެެ. ބަޔާނުން މެޗުގެ ފަރަގު ބޮޑުކުރީ 58 ވަނަ މިނެޓުގައި ރެނާޓޯ ސަންޗޭސްގެ ގޯލާއި އެކުގައެވެ. ބަޔާންގެ ފަހު ދެ ގޯލު ޖަހާފައިވަނީ މި ސީޒަނަށް ފަހު ބަޔާންއާއި އަލްވަދާއު ކިޔާ ދެ ކުޅުންތެރިންކަމަށްވާ ރޮބެން އަދި ރިބެރީއެވެ.
އެ ދެކުޅުންތެރިން ވަނީ ބަޔާންއަށް ކުޅެދިން ދިގު މުއްދަތުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.