އެސްއެމްއީ ބޭންކްގެ މުއާމަލާތްތަކުގައި ކޮރަޕްޝަންގެ ޢަމަލު ހިންގާކަމަށް ތުހުމަތުކުރެވޭ ނަމަ ވިސްލް ބްލޯވަރ ޕޯޓަށް އެ މައްސަލަ ހުށައެޅުމަށް ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް އިލްތިމާސް ކުރައްވައިފިއެވެ.
ރޭގެ ވަގުތެއްގައި ޢާންމު ރައްޔިތަކު ވަނީ މިނިސްޓަރ ފައްޔާޒް ޓެގްކުރުމަށްފަހު އެސްއެމްއީ ބޭންކުން ލޯނު ދޫކުރުމުގައި ކޮރަޕްޝަންގެ މުއާމަލާތްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ޓްވީޓެއް ކޮށްފައެވެ.
އެ ޓްވީޓްކުރި މީހާ ބުނީ އޭނާއަށް އަޑުއިވޭ ގޮތުގައި އެސްއެމްއީ ބޭންކްގެ ލޯނަށް ޝަރުތު ފުރިހަމަ ވަނީ ނަގާ ލޯނުން ބުނާ އަދަދެއްގެ "ކަޓެއް" ދޭން އެއްބަސްވާނަމަ ކަމަށެވެ. މީގެ އިތުރުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ކޮރަޕްޝަންގެ ޢަމަލުތައް ބަރުދާސްތު ނުކުރާ ސިޔާސަތާއެކު މި ކަމާއި ދެކޮޅަށް އަޅާނެ ފިޔަވަޅަކީ ކޮބައިތޯއެވެ.
މި ފަރާތަށް ޖަވާބު ދެއްވަމުން މިނިސްޓަރ ފައްޔާޒު ވަނީ ޓްވީޓެއް ކުރައްވާފައެވެ. "ވިސްލްބްލޮވަރ ޕޯޓަލްއަށް ކާކުކަން ނޭނގޭ ގޮތަށް މައްސަލަ ހުށައަޅައިގެން ގެންދެވޭނެ. އޭގެ އިތުރުން އިވޭ އަޑު އެއީ ޤަބޫލުކުރެވޭ އަޑެއްކަމަށްވަނީނަމަ ތަފްސީލާއެކު ސޯޝަލް މީޑިއާގައިވެސް ހާމަކޮށްލެއްވުން އެއީ ހަމަ ރަނގަޅު ގޮތެއް." ފައްޔާޒު ވިދާޅުވިއެވެ.
އެސްއެމްއީ ބޭންކަކީ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީ ފޯރުުކޮށްދިނުމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ގާއިމްކޮށްފައިވާ ބޭންކެކެވެ.