ދުނިޔޭގެ އެންމެ ވަރުގަދަ 50 މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ ލިސްޓްގައި، ރާއްޖޭގައި ޓެލެކޮމް ހިދުމަތްދޭ، އުރީދޫ މޯލްޑިވްސްގެ މައި ކުންފުނި، އުރީދޫ ގްރޫޕް ހިމެނިއްޖެ އެވެ.
ދުނިޔޭގައި މުއާސަލާތީ ކުންފުނިތައް ލިސްޓުކޮށް ގިންތި ކުރާ "ބްރޭންޑް ފައިނޭންސް" ގެ ޓެލެކޮމް 300، 2019 ރިޕޯޓާ ހަވާލާދީ އުރީދޫ ގްރޫޕުން ބުނީ، އެ ކުންފުނީގެ ބްރޭންޑިން އަގު 3.7 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ. އެ ރިޕޯޓުގައި ކުންފުނީގެ ހަރުދަނާކަމަށާއި އިންވެސްޓްކުރާ ގޮތާއި މާކެޓްކުރާ ގޮތް އަދި ލޯޔަލްޓީ އަދި މުވައްޒަފުންގެ ހިތްހަމަޖެހުން ފަދަ ކަންތައްތަކަށް ބަލައެވެ.
އުރީދޫން ވަނީ މިދިޔަ އަހަރު ވެސް އެ ލިސްޓުން ޖާގަ ހޯދައިފަ އެވެ. މިދިޔަ އަހަރު އެ ލިސްޓްގައި އުރީދޫ އޮތީ 43 ވަނައިގައެވެ. ނަމަވެސް މިއަހަރު 41 ވަނައަށް އެ ކުންފުނި ވަނީ ކުރިއަށް ޖެހިލައިފަ އެވެ.
އުރީދޫ ގްރޫޕަށް ލިބުނު މި ކާމިޔާބީއާ ބެހޭ ގޮތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝައިހް ސައުދު ބިން ނާސިރު އަލް ތާނީ ވިދާޅުވީ، އުރީދޫއަށް މި ކާމިޔާބީ ލިބުނީ އެ ކުންފުނީގެ ހީވާގި މުވައްޒަފުންގެ މަސައްކަތުން ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، ކަސްޓަމަރުން ބޭނުންވާ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމް ކުރުމުގައި އަބަދުވެސް އުރީދޫ ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
ގަތަރަށް ނިސްބަތްވާ އުރީދޫ ގްރޫޕުން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ކުރި އެރުން ތަކެއް ހޯދާފަ އެވެ. އެގޮތުން މި މުއްދަތުގައި އުރީދޫ ބްރޭންޑުގެ ރޭޓިން އެންމެ ވަރުގަދަ ބްރޭންޑްތަކަށް ލިބޭ ރޭޓިން ކަމަށްވާ، "އޭއޭ ޕްލަސް" އަށް އަރާފައެވެ. އަދި 2013 ވަނަ އަހަރު އުރީދޫ ބައިނަލްއަގްވާމީ މާކެޓަށް ނުކުތް ފަހުން، ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ބްރޭންޑް ވެލިއު އަންނަނީ މަތިވަމުންނެވެ.