ސަރުކާރު ހިންގާ ކޯލިޝަންތެރޭގައި ހިޔާލު ތަފާތުވުން ހުއްޓަސް، ސަރުކާރު ނިމެންދެން ކޯލިޝަން ދެމެހެއްޓޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ"އަށް ދިއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ނިމިދިއަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން ކާމިޔާބުކުރި 65 ގޮނޑިއާއެކު ލިބުނު ސުޕާ މެޖޯރިޓީން ކޯލިޝަން ސަރުކާރަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.
"މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ނުކުމެ އެވަނީ އެމްޑީޕީއަށް ވަރަށް ތަނަވަސް އަޣުލަބިއްޔަތެއް ދީފައި. އެކަމަކު އެއް ޕާޓީން ވެރިކަން ކުރުމުގެ ވިސްނުމެއް ރައީސް ސޯލިހު ނުގެންގުޅުއްވާ،" މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ރާއްޖެއާ އަވަށްޓެރި އިންޑިއާއާއެކު އޮންނަ ގުޅުން މިހާރު ވަރަށް ވަރުގަދަވެފައިވާ ކަމަށާއި، އެ ދަރަޖައަށް އެ ގުޅުން ގޮސްފައިވަނީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމުގެ ސަބަބުން ކަމަށް މި އިންޓަވިއުގައި މިނސްޓަރ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އެންމެންގެ ސަލާމަތާ، ރައްކާތެރިކަމާ އަދި ކުރިއެރުން ވެސް އޮތީ ގުޅިފައިކަން ދެ ގައުމަށް ވެސް ގަބޫލުކުރެވޭ. އެހެންވީމަ މިހާރު އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމަކުން، ދެ ގައުމުގެ ގުޅުން ވަނީ ވަރުގަދަވެ މުޅީން އެހެން ދަރަޖައަކަށް އުފުލިފައި،" އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވި އެވެ.