އައްޑޫ ސިޓީ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާ ލިބުނު އެކަަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އެބަދެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ހިތަދޫގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ، ރޭ މެންދަމު 2:42 ހާއިރު ކަމަށެވެ. އަދި އެކްސިޑެންޓްގައި، ސީރިއަސް އަނިޔާތަކެއް ވެގެން އައިސީޔޫގައި ފަރުވާ ދެމުން ދަނީ ސައިކަލް ދުއްވަން އިން ޒުވާނާއަށް ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އުމުރުން 25 އަހަރުގެ އެ ޒުވާނާގެ ވާތުފައި ބިންދައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ބޯ ފަޅައިގެން ގޮސް، އިތުރު އަނިޔާތައް ލިބިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެ އެކްސިޑެންޓްގައި ކާރު ދުއްވަން އިން 29 އަހަރުގެ މީހާއަށް އަނިޔާއެއް ނުވާ ކަމަށެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ މީހާ، މާލެ ގެންދިއުމުގެ މަސައްކަތް ދަނީ މިހާރު ކުރަމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.