އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރު ބޮބް ހޯކް އަވަހާރަވުމާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިދިޔަ ބުރާސްފަތި ދުވަހު އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރު ބޮބް ހޯކް އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ބޮބް ހޯކަކީ ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވުމުގައި ނަމޫނާ ދައްކަވާފައިވާ ބޭފުޅެއް ކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ސާބިތުވެ ހުންނެވި، އެންމެންނާވެސް ގުޅޭ އޯގާތެރި ވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ބޮބް ހޯކް ސިފަ ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބޮބް ހޯކްއަކީ އޮސްޓްރޭލިޔާގެ ސިޔާސީ މަޝްރަހުގައި އަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެން، އެތައް ގޮތަކުން އެޤައުމު ހަރުދަނާކުރަން ގިނަ އަހަރުތަކެއްގައި މަސައްކަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، އިޖުތިމާއީ އަދި ތިމާވެށީގެ ދާއިރާއިން ބޮބް ހޯކް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅު، އޮސްޓްރޭލިޔާގެ ރައްޔިތުންނާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް އަބަދުވެސް ހަނދާން އާކުރަމުންދާނެ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޚާއްޞަކޮށް އޮސްޓްރޭލިޔާގައި ފަގީރުކަން ނައްތާލުމަށާއި، ވަޒީފާ އަދާކުރާ ފަރާތްތަކަށް އެކަށީގެންވާ އުޖޫރަ ކަނޑައެޅުމަށް އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރު ކުރައްވާފައިވާ މަސައްކަތްޕުޅު ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ.

އަދި ރައީސްވަނީ އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވުމުގެ ހިތާމައިގައި އޮސްޓްރޭލިޔާގެ ކުރީގެ ބޮޑުވަޒީރުގެ އާއިލާއަށާއި، ރަހުމަތްތެރިންނަށާއި، މިހިތާމައިގައި ޝާމިލުވާ އޮސްޓްރޭލިޔާގެ ހުރިހާ ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ފޮނުއްވާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *