ޚަބަރު
5 ވަޒީރުންނާއި ވަގުތުން ސުވާލުކުރުމުގެ ފުރުސަތު މިރޭ

ސަރުކާރު ކެބިނެޓްގެ 5 ވަޒީރުންނާއި ސުވާލުކުރުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.

ވަޒީރުންގެ މަޖިލީހުގެ ބައެއް ކެބިނެޓް މެންބަރުން ބައިވެރިވެވަޑައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވާ، “އަހާ” ސިލްސިލާގެ މި ފޯރަމް މިރޭ 08:30 ގައި ބާއްވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައި ވެއެވެ.

ެަރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގުޅިގެން ކުރިއަށްގެންދާ މި ފޯރަމްގައި ހޯމަ ބައިވެރިވެވަޑައިގަންނަވާނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ހޯމް މިނިސްޓަރު އަލީ އިހުސާން، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމްއާއި މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ އަދި ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) އެވެ.

އަހާ ސިލްސިލާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ގިނަ އާންމު ރައްޔިތުންނަށް ބައިވެރިވެވޭނެހެން ހާމައަށް އޮންނަ ތަނެއްގަ އެވެ. އެހެން ނަމަވެސް މިއަދާ މިރޭ މާލެ ސަރަޙައްދަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ، އަހާ ސިލްސިލާގެ މިރޭގެ ފޯރަމް، ޓީވީ މޯލްޑިވްސްގައި ކުރިއަށް ގެންދިއުމަށް ވަނީ ބަދަލުކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައި ވެއެވެ.

މި ވަޒީރުންނާއި ސުވާލު ކުރަން އެދޭ ފަރާތްތަކުން AH(space)suvaalu ޖައްސަވާފައި 300 އަށް މެސެޖް ކުރުމަށް ޕީއެސްއެމްއިން އެދިފައި ވެއެވެ. ސުވާލު ފޮނުވުމުގެ އިތުރަށް ފޯރަމްގައި ބައިވެރިވެ ސީދާ ސުވާލު ކުރަން ބޭނުންވާ ރައްޔިތުންނަށްވެސް އެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވެއެވެ.

މި ސިލްސިލާގެ ފުރަތަމަ ފޯރަމްގައި މިދިޔަ ޖެނުއަރީމަހު ވަނީ ވަޒީރުންނާ ސީދާ ސުވާލުކުރުމަށް ރައްޔިތުންނަށް ފުރުސަތުދީ، މި ސުވާލުތަކަށް ވަޒީރުން ވަގުތުން ޖަވާބުދެއްވާފަ އެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދެއްވައި، ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދިނުމުގެ ގޮތުން، ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އާންމު ފޯރަމްތަކެއް ކުރިއަށް ގެންދަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން އިއުލާން ކުރައްވާފަ އެވެ. ހަމަ އެހެންމެ ކޮންމެ 3 މަހަކުން އެއްފަހަރު ސީދާ ރައީސުލްޖުމްހޫރިއްޔާވެސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފޯރަމެއް ބާއްވަވާނެކަންވެސް އެމަނިކުފާނު ވަނީ އިޢުލާން ކުރައްވާފަ އެވެ.

މިއީ، ރައްޔިތުންގެ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާއާ ވަޒީރުން ވަގުތުން ޖަވާބުދެއްވުމަށް ސިލްސިލާ ޕަބްލިކް ފޯރަމްތަކެއް ރާއްޖޭގައި މިގޮތަށް ބާއްވަމުން ގެންދާ ފުރަތަމަ ސަރުކާރެވެ.

“އަހާ” ސިލްސިލާގެ ފޯރަމްތައް ބޭއްވެވުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ.

4
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top