މިމަހުގެ 16 ވަނަ ދުވަހު ރިލީޒް ކުރި "ދޭ ދޭ ޕިޔާރު ދޭ" އަށް ބެލުންތެރިންގެ ބޮޑު ސަޕޯޓެއް ލިބިއްޖެއެވެ.

ބޮލީވުޑްގެ ކުޅަދާނަ ފިލްމީ ތަރި އަޖޭ ދޭވަގަން ލީޑް ރޯލުން ފެނިގެންދާ ފިލްމު "ދޭ ދޭ ޕިޔާރު ދޭ" އަށް ވަނީ ބެލުންތެރިންގެ އިތުރުން ކްރިޓިކުންގެ ލޯތްބާއި ތައުރީފް ލިބިފައެވެ.

"ދޭ ދޭ ޕިޔާރު ދޭ" ރިލީޒް ކުރުމާއިއެކު އެ ފިލްމުގެ ފުރިހަމަކަމާއި މުނިފޫހި ފިލުވައި ދިނުން ބޮޑު ވާހަކަ އަންނަނީ މީޑިއާތަކުގައި ދެކެވެމުންނެވެ.

އެ ފިލްމުން އަޖޭގެ އިތުރުން ދެން ލީޑް ރޯލުން ފެނިގެންދަނީ ބޮލީވުޑްގެ ކާމިޔާބު ދެ ބަތަލާއިން ކަމަށްވާ ތައްބޫ އަދި ރަކުލް ޕްރީތު ސިންގްއެވެ.

"ދޭ ދޭ ޕިޔާރު ދޭ" ސްޓޯރީލައިން ވަރަށް ޝައުގުވެރި ކަމަށާއި މުޅި ފިލްމުގައި ހިނގާ ހާދިސާތަކަށް ބަލާ އިރު، ފިލްމަކީ ފޫހިކަމެއް ނެތި ބަލަން އިނދެވޭ އަދި ހީހީ ހަލާކުވާ ވަރުގެ ފިލްމެއް ކަމަށް ކްރިޓިކް ތަރަން އަދާޝް ބުންޏެވެ.

"ދޭ ދޭ ޕިޔާރު ދޭ" ގައި ކިޔައިދެނީ ކައިވެންޏެއްކޮށް ދަރިން ލިބި، ދަރިން ބޮޑެތިވާ ފަހުން ކައިވެނި ރޫޅިފައިވާ އުމުރުން 50 އަހަރުވީ ފިރިހެނެއް އަޝިޝް (އަޖޭ) ގެ ވާހަކައެވެ. އޭނާ ލަންޑަނުގައި ދިރިއުޅެމުން ދަނިކޮށް، އެންމެ މި ޒަމާނުގެ އުމުރުން އެންމެ 26 އަހަރުގެ އައިޝާ (ރަކުލް ޕްރީތު ސިންގް) އާ ބައްދަލުވެ، ދެ މީހުންނަށް ލޯބިވެއެވެ. އަދި އެއް ފުރާޅެއްގެ ދަށުގައި އުޅެން ފަށައި އެންމެ ފަހުން އައިޝާއާ ކައިވެނި ކުރުމުގެ މަގުސަދުގައި އޭނާ ގޮވައިގެން އަޝިޝް އިންޑިއާގައި ދިރިއުޅޭ އާއިލާގެ ގާތަށް ދެއެވެ. ފިލްމުގައި ދެން ކިޔައިދެނީ ދަރިންގެ އުމުރުގެ އަންހެނަކާ ކައިވެނި ކުރަން އަޝިޝް އުޅުމުން އޭނާގެ ދަރިންނާއި ކުރީގެ އަނބިމީހާ މަންޖޫ (ތައްބޫ) އަދި އާއިލާގެ ފަރާތުން ކުރިމަތިވާ ލަދުވެތި ކަންތައްތަކެވެ.

ކްރިޓިކުން ގަބޫލުކުރާގޮތުގައި، "ދޭ ދޭ ޕިޔާރު ދޭ" މި ފިލްމު ވެގެންދާނީ ބޮކްސް އޮފީހުގައި ވެސް ވަރަށް ހިނގާނެ ފިލްމަކަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *