ރަމަޟާން މަހުގެ ހަވީރު ވަގުތެވެ. ރޯދަ ކުރުކޮށްލުމަށާއި، ފިނި ބުރު ޖަހާލުމަށް ސައިކަލުތަކާއި، ކާރުތަކުގައި މީހުން ހޭލަމޭލައަށް އުޅޭ ކާރޫބާރޫ ބޮޑު ވަގުތެވެ. އަހަރެންވެސް އަހަރެންގެ ރަށްޓެއްސަކާއި އެކު ސައިކަލުގައި ހަވީރުގެ އެ ހިތްގައިމު ވަގުތު ނުކުތީ ރޯދަ ކުރުކޮށްލުމުގެ ގޮތުންނެވެ.
މާލޭގެ ހަނި މަގުތައް ހުރަސްކޮށް، އެންމެ މައި މަގު މަޖީދީ މަގުން އިރަށް ގޮސް އާޓިފިޝަލް ބީޗާއި ހަމައިން އުތުރަށް ދުއްވަމުން ދިޔައީމެވެ. ރާޅުގަނޑު ސަރަހައްދު ގިޔާކުރުމަށް ފަހު އެތާނގައި އޮންނަ ބެންޑުން އަޅައިގެން އަޑިޕާކާއި އަރައި ހަމަވިއިރު ކުރިމަތީގައި އޮތް ޓްރެފިކް ލައިޓުގައި ޖެހި އެތައް ބަޔަކު މަޑުކޮށްލައިގެން ތިއްބެވެ. މަޑު ދުވެއްޔެއްގައި އަހަރެންވެސް ގޮސް ޓްރެފިކް ލައިޓާ އަރާ ހަމަވި އިރު ފެހި ބޮކި ދިއްލިއްޖެވެ. ނަސީބު ކަން ދިމާކުރި ގޮތުން މަޑު ކުރާކަށް ނުޖެހުނެވެ. އެއް ސައިކަލުން ނައްޓަމުން އަނެއް ކާރުން ނައްޓަމުން ގޮސް ވަށަމަގުން ހޅަގަށް އަޅައި ސައިކަލުގެ ދުވެލި ކުޑަކޮށް ބާރުކޮށްލީމެވެ. ބާރު ދުވެލީގައި އަހަރެން ސައިކަލު ދުއްވަމުން ދިޔައިރު މަތީގައި އެކި ޒާތުގެ މަޑިތައް އަރުވާފައި ހުށްޓެވެ. ހީވަނީ މަޑި އެރުވުމުގެ މުބާރާތެއް ކުރިއަށް ދާހެނެވެ. ކުއްލި ހައިރާންކަމެއް ލިބުނު ނަމަވެސް އުސްފަސްގަނޑާއި އަރާ ހަމަވިއިރު ވެގެން މިއުޅޭ ގޮތް ހާމައަށް ސާފުވިއެވެ. އެކި އުމުރުފުރައިގެ މީހުން މަޑި އެރުވުމުގެ ފޯރި ނަގަނީއެވެ.
އަހަންނަކީވެސް ކުޑައިރު މަޑިއެރުވުމަށް މަރުދޭ މީހެއް ކަމުން ސައިކަލު އުސްފަސްގަނޑަށް އެރުމަށް އޮންނަ ހަނި ގޯޅީގައި މަޑުކޮށްލީމެވެ. ސައިކަލު މަޑުކޮށްލާ ސައިކަލުން ފޭބިތަނާހެން ކަންފަތުގައި ޖެހުނީ ވިޔަފާރި އަންބާއެއްގެ އަޑެވެ.
"އެކި ސައިޒުގެ ގުޑި، ވީލާއި އެކު، މިހުރީ، އާދޭ އާދޭ" މިއެވެ. މަޑި ވިއްކާ މީހުން އެމީހުންގެ ޖާދޫގައި މިފަދަ އަންބާތައް ކިޔައިގެން އެތަނަށް އައިސް އުޅުނު އެތައް ބަޔަކު ޖައްސަމުން ދިޔައެވެ. ހާއްސަކޮށް ކުޑަކުދިންނެވެ. އެކި ސައިޒުގެ، އެކި ޑިޒައިންތަކުގެ މަޑި އެ ވިޔަފާރިވެރިން ވިއްކަމުން ދިޔައެވެ. 100ރ އިން ފެށިގެން 350ރ އާއި ދެމެދުގެ އަގުތައްކެއްގައި އެމީހުން މަޑިތައް ވިއްކަމުން ދިޔައިރު ފަތުއަޑުކިޔާފައި މަޑިތައް ވިކެމުން ދިޔައެވެ.
އުސްފަސްގަނޑުން ފެށިގެން މާލޭގެ ފަތާ ޓްރެކާއި ހަމައަށް މަޑި އެރުވުމުގެ ފޯރީގައި އެތައް ބަޔަކު ތިއްބެވެ. އެތައް ބެލެނިވެރިޔަކު އެމީހުންގެ ދަރިން ގޮވައިގެން މަޑި އެރުވަމުން ދިޔައެވެ. ނަލަ ވައިރޯޅިތަކާއި އެކު ފަޒާގައި އެ މަޑިތައް އޭގެ މިނިވަންކަމާއި އެކު އުދުހެމުން ދިޔައިރު އެ މަންޒަރު ބަލަން އިސްއުފުލައިގެން އެތައް ކުޑަކުދިންނެއް ހިނިތުންވުމާއި އެކު ތިއްބެވެ. "އެއޮތީ އޭ" ބުނާ ފަދަ ގޮތަކަށް މަޑިތަކާއި ދިމާލަށް އިނގިލި ދިއްކުރަމުންނެވެ. ބާޒުގެ ޑިޒައިނާ، ކޮކާގެ ޑިޒައިނަށް ހުރި މަޑިތައް ދުރުން ފެންނައިރު ހީވާނީ ހަމަ އަސްލު ކޮކާ ހެންނެވެ. ނުވަތަ ބާޒުހެންނެވެ.
އިރުގެ އަލިކަން ދުނިޔެއިން ފަޑުވަމުން ދިޔަ ވަރަކަށް މަޑި އިރުވުމުގެ ފޯރީގައި ތިބި މީހުން އެމީހުންގެ ވީލަށް ކަންވާރުތައް އޮޅަމުން މަޑިތައް ތިރިކުރަމުން ދިޔައެވެ. ގަޑިއަށް ބަލާލަމުންނެވެ. އެއީ ރޯދަ ވީއްލަންވާއިރަށް ގެއަށް ދިޔުމަށްޓަކައެވެ.
ހައެއް ޖެހުމާއި އެކު އުސްފަސްގަނޑު ދޫކޮށް އަހަރެން ވަށަމަގުން ހުޅަނގަށް ދުއްވަމުން ދިޔައީމެވެ. ބަންޤީގެ އަޑަށް ރޯދަ ވީއްލުމަށް ގެއަށް ދިޔުމުގެ ފޮނި އުންމީދުގައެވެ.