ހއ.ދިއްދޫގައި ހިންގާ ކުޅިވަރާއި ބެހޭ ކުލަބެއް ކަމަށްވާ، މިޑްލް ސްޕޯޓްސް ކުލަބުން ގިނަ އަދަދެއްގެ ދީނީ އަދި އިޖްތިމާއީ ހަރަކާތްތައް ހިންގާތީ މީސްމީޑިއާގެ ސަމާލުކަން އެކަމަށް ދަމައިގަނެފިއެވެ.

މިޑްލް ސްޕޯޓްސް ކްލަބްގެ ފޭސްބުކް ޕޭޖްގައިވެސް އެމީހުން ކުރާ ބައެއް އިޖުތިމާއީ ކަންކަމުގެ މައުލޫމާތާއި ތަސްވީރުގެ ފޮޓޯ ހިއްސާކޮށްފައިވެއެވެ. އެގޮތުން ބަލާއިރު މި ކުލަބުން ވަނީ އިހަށް ދުވަހު މާލޭގެ ރަސްފަންނު ހިސާބުގައި އަދި އައިޖީއެމްއެޗް ކައިރީގައި ތިބި މީހުން ރޯދަ ވީއްލުމަށްޓަކައި ފެނާއި ކަދުރުވެސް ބަހައިފައެވެ.

މިޑްލް ސްޕޯޓްސް ކްލަބުގެ ރައީސް، ނަޝްވާން އިބްރާހީމް "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެމުން ބުނީ އެމީހުން ދީނީ ކަންކަން ހިންގުމަށްޓަކައި ގުރޫޕުގައި އުޅޭ މެންބަރުން އަތުން ޗަންދާ ނަގާކަމަށާއި ބާކީ ހުންނަ އެއްވެސް ފައިސާއެއް އަމިއްލަ ފައިދާއަށް ނުވަތަ ކުލަބުގެ ކަމަކަށް ހޭދަނުކުރާކަމަށެވެ. އެ ފައިސާތައް ބޭނުންކުރަނީ މުޅިންވެސް ދީނީ ކަންކަމަށާއި އިޖުތިމާއީގޮތުން އެހީވުމަށްކަމަށް ނަޝްވާން ބުންޏެވެ.

މިޑްލް ސްޕޯޓްސް ކުލަބުން އެމީހުން އަމިއްލައަށް އިސްނަގައިގެން ރަށު ރައްޔިތުންނަނަށް ދަރުސް ދިނުމަށްޓަކައި ޝެއިޚުން ގެނައުން ފަދަ ކަންކަންވެސް ކުރެއެވެ. ފިތުރު ޢީދު ދުވަހުގައި ޢީދު ހަދިޔާ ބެހުމުގެ ކަންތައްވެސް މި ކްލަބުން ކުރިއަށް ގެންދެއެވެ.

މީގެ އިތުރުން އެމީހުން ކުރި އެންމެ ފާހަގަކުރެވޭ ކަމެއްގެ ގޮތުގައި ފެންނަނީ ރަށުގެ އެކި ތަންތާގައި ދީނީ ނަސޭހަތާއި އިބުރަތުގެ ބަސްކޮޅުކޮޅު ހުރި ބެނާތައް ހިއްޕުމެވެ.

"އެކަހަލަ ލިޔުންކޮޅުތައް ފެނުމުން މަގުމަތިންދާ މިހާއަށްވެސް އެ ފެނި، ކޮންމެވެސް ވަރަކަށް ދީނަށް ހިތްޖެހޭނެ. ހުންނާނީ ވަރަށް ފުންމާނަ އެކުލެވޭ އިބާރާތްކޮޅުތައް." ނަޝްވާން ކިޔައިދިނެވެ.

ނަޝްވާން ބުނީ މިކަންކަން ކުރިއަށް ގެންދަނީ ކައުންސިލުން ހުއްދަ ހޯދައިގެންކަމަށާއި އަމިއްލަ ފަރާތްތަކުންވެސް މިފަދަ ކަންކަމަށް އެހީވެދޭން އިސްނަގާކަމަށެވެ.

80 ވަރަކަށް މެންބަރުން އުޅޭ މިޑްލް ސްޕޯޓްސް ކްލަބުގައި ދެ ޖިންސުގެ މީހުންވެސް ހަރަކާތްތެރިވެ އުޅެއެވެ. ކްލަބުގައި އުޅެނީ އެރަށުގެ ޒުވާނުންނެވެ.

ފިތުރު ޢީދާއި ދިމާކޮށް ހަދިޔާބެހުމަކީ މިހާރު ކުރިއަށް އޮތް އެންމެ ބޮޑު ހަރަކާތްކަން ނަޝްވާން ފާހަގަކުރިއެވެ.

މީސްމީޑިއާގައި އެފަދަ ހަރަކާތްތައް ހިއްސާކުރުމުން މީހުންގެ ތަރުހީބާއި ހެޔޮ ދުޢާ މި ކްލަބުގެ މެންބަރުންނަށް ލިބިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *