އިސްލާމިކް މިނިސްޓްރީއާއި ދެކޮޅަށް ސިސިލްފަރު ހައްޖު އެންޑް އުމްރާ ކުންފުނިން ސިިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޑިސްޕިއުޓް މަރުހަލާއިން ހައްލެއް ނުލިބުމުން އެމައްސަލައިގެ ޝަރީއަތް ހިންގަން ނިންމައިފިއެވެ.
އެ މައްސަލާގައި ސުލްހަވެރި ހައްލެއް ލިބޭތޯ ބެލުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ބޭއްވި އަޑުއެހުމުގައި ހައްލެއް ނުލިބުމުން އެ މައްސަލައިގެ ޝަރީއަތް ހިންގަން ނިންމީ އިއްޔެ އެވެ. އެކަމަކު އެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް އަދި ނުފަށައެވެ.
ހައްޖަށް މީހުން ގެންދެވޭނެ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅުމުގައި އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރު ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ކުންފުނިތަކަށް މާކްސް ދިނުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރި އުސޫލު ރަނގަޅު ނޫން ކަމަށް ބުނެ އެވެ.
ސިސިލްފަރުން ހުށަހެޅި މައްސަލާގައި ވަނީ މާކްސް ދިނުމުގައި މިނިސްޓްރީން އަމަލުކުރީ މައުލޫމާތު ދިން ގޮތާ ޚިލާފަށް ކަމަށެވެ. އަދި އިވެލުއޭޓް ކުރުމުގެ އުސޫލުތަކާ ޚިލާފަށް ވެސް އެ މިނިސްޓްރީން އަމަލުކުރި ކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ.
ސިސިލްފަރުން ހުށަހެޅި އެ މައްސަލަ ކޯޓުން ނިމެންދެން، ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމުގެ ކަންކަން މަޑުޖައްސާލުމުގެ އަމުރަކަށް ވެސް އެ މައްސަލާގައި އެދިފައިވެއެވެ.