ހެޔޮކަންކަމަށް އަމުރުކޮށް، ނުބައިކަންކަން ނުވަތަ މުންކަރާތްތައް ނަހީ ނުކުރާ ކަމުގައި ވަނީ ނަމަ އެ ބައެއްގެ މައްޗަށް ﷲގެ ކޯފާ އަންނާނެ ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމުގެ މަތިވެރި މަސްއޫލިއްޔަތު ދޫކޮށްލުމަކީ، އަމާންކަމުން ނާމާންކަމަށް ބަދަލުވާކަމެކެވެ. ﷲގެ ކޯފާ ހައްޤުވާ ކަމެކެވެ. އަޅުގަނޑުމެންގެ ދުޢާ އިޖާބަވުމަށް ހުރަސް އެޅޭނެ ކަމެކެވެ." ހުތުބާގައި ބުނެފައިވެއެވެ.

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެކަލާނގެ އަތްޕުޅުގައިވާ މާތް ރަސްކަލާނގެ ޒާރުފުޅު ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރާ ހުށިކަމެކެވެ. އަދި މުންކަރާތްތައް ނަހީކުރާ ހުށިކަމެކެވެ. އެހެންނޫންނަމަ، ހަމަކަށަވަރުން، ﷲގެ ހަސުރަތުން ތިޔަބައިމީހުންގެ މައްޗަށް ކޯފާއެއް ބާއްވައިނުލައްވާ ނުދާހުއްޓެވެ. އެއަށްފަހު ތިޔަބައިމީހުން އެކަލާނގެ ހަސުރަތަށް ދުޢާ ދެންނެވުމުން ފަހެ އެހައިރުން ތިޔަބައިމީހުންގެ ދުއާ އިޖާބައެއް ނުކުރެވޭހުއްޓެވެ."

ހުތުބާގައި ބުނީ ދުނިޔެ އުފެދުނީއްސުރެ ޝައިތާނާއަކީ އަޅުގަނޑުމެންގެ ދުޝްމިނެެއް ކަމަށާއި އެއީ ނުބަކަން ބޮޑުވެގެންވާ ހަތުރެއް ކަމަށެވެ.

އަދި މިއުންމަތުގެތެރެއިން ބަޔަކު ޝައިތާނާގެ ވަސްވާސްތަކަށް ހެއްލި ﷲ ނަހީ ކުރައްވާފައިވާ ކަންތައްތައް ކުރަމުން ދާއިރު، އެބައި މިހުންގެ އަތުގައި ހިފާ ހެޔޮމަގަށް ގެނައުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެެ.

"ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން މަނާކުރުން ދީނުގައި މުހިންމުވަނީ މި ހިކުމަތައްޓަކައެވެ. ﷲ ހަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ މުންކަރާތެކެވެ. ފާފައަކަށްވާ ކޮންމެ ކަމަކީ މުންކަރާތެކެވެ. އެކަލާނގެއަށް އުރެދުމަކީ މުންކަރާތެކެވެ. ދީނުގެ ޝިއާރުތަކަށް ފުރައްސާރަކުރުމަކީ މުންކަރާތެކެވެ. ނުބައި އެންމެހާ ކަންކަން މަނާކުރުމަކީ ދީނީ ގޮތުން ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ." ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންކަން ނަހީކުރާ އުންމަތުގެ މީހުންނަކީ އެންމެ ހެޔޮ އުއްމަތް ކަމުގައި ﷲ ސުބްޙާނަހޫ ވަތައާލާ ވަހީކުރައްވާފައިވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މާތް ﷲ ވަހީކުރެއްވި ވަހީބަސްފުޅެއްގެ މާނައިގައިވެއެވެ.

"މީސްތަކުންނަށްޓަކައި ނެރުއްވި އެންމެ ހެޔޮ އުއްމަތް ކަމުގައި ތިޔަބައި މީހުން ވީމުއެވެ. އެހެނީ ތިޔަބައިމީހުން ހެޔޮކަންތައްތަކަށް އަމުރުކުރަމުއެވެ. އަދި ނުބައިކަންތައް ނަހީކުރަމުއެވެ. އަދި ތިޔަބައިމީހުން ﷲ އަށް އީމާން ވަމުއެވެ"

ހުތުބާގައި ބުނީ ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމަކީ ކުއްފާފަތަކުން އެމީހާ ތޯހިރުކޮށްދޭ ކަމެއް ކަމަށެވެ.

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ނަމާދާއި، ރޯދައާއި، ސަދަޤާތާއި ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުުރުމަކީ މީހަކަށް އޭނާގެ އަހުލުވެރިންނާއި މުދަލާއި ދަރިންނާއި އަދި އަވައްޓެރިންގެ ކަންކަމުގައި ހެދޭ ގޯސްތަކަށްވާ ކައްފާރާއެކެވެ"

ހެޔޮކަންތައްތަކަށް އަމުރު ކުރުމަކީ ސަދަޤާތެެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ހެޔޮކަންކަމަށް އަމުރުކުރުމަކީ ސަދަޤާތެކެވެ. ނުބައި ކަންކަން ނަހީކުރުމަކީ ސަދަޤާތެކެވެ."

މިއަދުގެ ހުކުރު ހުތުބާ ނިންމާލަމުން ވަނީ ސައިތާނާގެ ވަސްވާހަށް ނުހެއްލި، ހެޔޮކަންކަމަށް އަމުރުކޮށް އެންމެހާ ނުބައިކަންކަމުން ދުރުވެގަތުމަށް ވަސިއްޔަތް ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *