ﷲ ސުބުހާނަހޫ ވަތައާލާ އިންސާނުން ދުނިޔެ މައްޗަށް ފޮނުއްވާފައިވަނީ އެކަކު އަނެކަަކަށް އެހީވާންޖެހޭ ގޮތަށެވެ. ތަނަވަސްކަން ލިބިފައިވާ މީހުން އެވަރުގެ ތަނަވަސްކަން ނެތް މީހުންނަށް އެހީވާން ޖެހެއެވެ. 

އިސްލާމްދީނުގައި މުދާ މިލްކު ކުރުމުގެ ހުއްދަ ދީފައިވީނަމަވެސް އޭގައިވެސް ވަކި އިންތަކެއް ކަޑައަޅުއްވާފައިވެއެވެ. ބައެއްފަހަރު އެފަދަ މުދަލުގައި އެހެން ބައެއްގެ ހައްގުތަކެއްވެސް ވެއެވެ. އެހެންކަމުން ތިމާއަށް ލިބޭ  މިންވަރަކުން ދަތި ހާލުގައި އުޅޭ ފަރާތްތަކަށް އެހީވެދޭން ޖެހެއެވެ. ލިބިފައިވާ މުއްސަނދިކަމާއި މުދަލަަށް ބޮޑާނުވެ އެއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ މުދަލުގެ ކޮންމެސް މިންވަރެއް ދިނުން މުުހިންމެވެ.

މުދަލާއި ފައިސާއާއި ތަނަވަސް ކަމަކީ މާތް ﷲ ސުބުހާނަހޫ ވަތަޢާލާ އެނކަލާންގެ އަޅުތަކުންނަށް ދެއްވާ ބޮޑުވެގެންވާ ނިއުމަތެކެވެ. އެ ހެޔޮގޮތުގައި ބޭނުންކޮށް ފަގީރުންނަށް އެހީވެދީފި ނަމަ އާޚިރަތުގައި ނަރަކައިން މިންޖުވެ ސުވަރުގެއަށް ވަނުމަށް ހުޅުވިގެންދާ ދޮރަކަށްވެސް އެކަން ވެ ހިނގައި ދާނެއެވެ. 

މުދަލުގައި އެހެނިހެން މީހުންގެ ހައްގުވާކަން ބަޔާންކޮށް މާތް ﷲ ވަހީކުރައްވާފައިވާ އާޔަތެއްގައިގެ މާނައިގައިވެއެވެ.

"އެބައިމީހުންގެ މުދަލުގައި ސަލާންޖަހާ މީހުންނަށާއި (ބޭނުމެއްޖެހި ފައިވާ މީހުންނަށާއި) ފައިސާ ނުލިބޭ ނިކަމެތިންގެ ހައްގުވެއެވެ."

މި އާޔަތުންވެސް މުދަލުން އެހީވުމުގެ މުހިންމުކަން އަހަރެމެންނަށް އެނގިގެންދެއެވެ. ތިބާގެ މިލްކިއްޔާތުގައިވާ މުދަލުން ހޭދަ ކުރުމުން އެ މީހަކީ ދެ ދުނިޔޭގެ ބާއްޖަވެރިއަކަށް ވެގެން ދެއެވެ. 

ސޫރަތުއް ތަޣާބުންގެ 16 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّه އަށް ތަޤްވާ ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހާށެވެ! އަދި ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ހޭދަކުރާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސް ތަކަށް އެގޮތް ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނޭ މީހުންނެވެ."

މީގެ އިތުރުން އަހަރެމެން ލޮބުވެތި މާތް ރަސޫލާ މުހައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި އައިސްފައި ވެއެވެ. 

"ފެނުން އަލިފާން ނިވާލާ ފަދައިން، ޞަދަގާތުން ނުބައިކަންތައް ފޮހެލައެވެ."

އެހެންކަމުން ތިއިން ކޮންމެ މީހަކީވެސް ލިބިފައިވާ މިންވަރަކުން މުދަލުން ހޭދަ ކުރާމީހަކަށް ވާށެވެ. "ބާބުއް ޞަދަގާ"ގެ ނަމުގައި މުދާ ހެޔޮގޮތުގައި ﷲ މަގުގައި ހޭދަކުރާ މީހުންނަށް ޚާއްޞަ ކުރެވިފައިވާ ދޮރުކޮޅެއް ސުވަރުގޭގައި މާތް ﷲ ސުބުހާނަހޫ ވަތައާލާ ބިނާކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *