ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ތަރައްޤީ ކުރެވޭނީ އަތޮޅުތަކުގައި ހުރި ސިއްހީ ނިޒާމުތައް ތަރައްޤީކުރެވިގެންކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖޭގައި ސިއްހީ ނިޒާމުގައި ގިނަ މައްސަލަތައް ހުރިކަން ޤަބޫލުކުރާ ކަމަށާއި އެކަންތައް ޙައްލުކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީއިންނާއި ސަރުކާރުން އަންނަނީ ކުރަމުން ކަމަށެވެ.
ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެެއްވަމުން އަމީން ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމު ރަނގަޅުކުރެވޭނީ ހޮސްޕިޓަލްތައް 25 ބުރިއަށް އިމާރާތް ކޮށްގެން ނޫންކަމަށާއި ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށްގެން ކަމަށެވެ. އަދި އަތޮޅުތަކުގެ ސިއްހީ ނިޒާމު ތަރައްޤީ ކުރުމުގެ މުހިންމުކަންވެސް އަމީން ވަނީ ބަޔާންކޮށްދެއްވާފައެވެ.
"މިހާރު އަތޮޅުތަކުގެ ސިއްހީ ނިޒާމު އޮތީ އޮޔާދަންދެން ދޫކޮށްލައިފަ. އަތޮޅުތަކަށް ހެޔޮ ބަދަލު ގެނައުމުން ސިއްޙީ ނިޒާމު ޙައްލުވާނީ."
އަމީން ވަނީ ސިއްހީ ދާއިރާގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި އެމީހުންގެ ހުރި ބައެއް ޕްލޭންތައް ހިއްސާކޮށްފައެވެ. މިގޮތުން ޑޮކްޓަރުންނާއި ނަރުހުން ރިކްރޫޓް ކުރުމުގެ ނިޒާމަށާއި، ލެބޯރަޓޯރީގެ މަސައްކަތަށާއި، އެމްބިއުލޭންސް ޚިދުމަތްތަގެ ފެންވަރު ރަނގަޅުކޮށް ބަދަލުތައް ގެންނަން ނިންމައިފައިވާކަމަށް އަމީން ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވާލުމާއެކު އާ ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒުކުރުމުން ސިއްހީ ނިޒާމަށް ހެޔޮ ބަދަލު ގެނެވޭނެކަމަށް އަމީން ވިދާޅުވިއެވެ. ހެލްތު މިނިސްޓްރީއިން އެންމެ އިސްކަންދެނީ ޕްރައިމަރީ ހެލްތް ކެއަރގެ ފެންވަރު ރަނގަޅުކުރަންކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މީގެ އިތުރުން ސިއްހީ ނިޒާމާއިމެދު ދިވެހިންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އެނގިލައްވަވާކަމަށާއި މި ދާއިރާގައި ފާޑު ކިޔުމަށް މަރުހަބާ ކިޔާކަން އަމީން ފާހަގަކުރެއްވިއެވެ.