ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ދޫވެއްޖެނަމަ ދައުލަތަށް ލިބޭ ފައިސާ ގެއްލިދާނެތީ، ފައިސަލާ ކުރެވޭ ހުކުމެއް ނެރެވެންދެން ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރަން ދައުލަތުން މިއަދު ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

ޕީޖީގެ ފަރާތުން އެގޮތަށް އެދުނީ ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު، ހައިކޯޓުން ބާތިލް ކުރުމާ ގުޅިގެން އެ މައްސަލަ ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމަށްފަހު އެވެ. ބާތިލްކުރި ކުރިމިނަލް ކޯޓުގެ އަމުރަކީ ޔާމީންގެ އިސްލާމިކް ބޭންކްގެ އަށް އެކައުންޓް ފްރީޒުކުރަން ނެރުނު އަމުރެވެ. 

އެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުން މިއަދު ހެނދުނު ފަށައި، ދެ ފަރާތުގެ ވާހަކަތަކަށް ފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. އެކަމަކު ހުކުމް އިއްވާނެ ދުވަހެއް ބެންޗުން އިއުލާނެއް ނުކުރައްވަ އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ އާއި 73 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ ހިލާފުކަމަށް ހައިކޯޓުގެ އަމުރުގައި ކަނޑައަޅާފައި ވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ މާނަކޮށްދިނުމަށްވެސް ދައުލަތުގެ ވަކީލު ސުޕްރީމް ކޯޓުގައި އެދިފައިވެއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ޕީޖީގެ ފަރާތުން އެދުނީ ޔާމީންގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފާއިވާ އެކައުންޓާއި މޮރީޝިއަސް ބޭންކްގައި ހުޅުވާފައިވާ އެކައުންޓް ވެސް ފްރީޒުކުރުމަށެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. މިއަދުގެ އަޑުއެހުމަށް ޔާމީން ވެސް ހާޒިރުވެވަޑައިގަތެވެ. އެކަމަކު އަޑުއެހުމުގައި އެމަނިކުފާނު އެއްވެސް ވާހަކަފުޅެއް ނުދެއްވަ އެވެ.

ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމުގެެ އިތުރުން އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދުކުރަން ވެސް ކްރިމިނަލް ކޯޓުން ކުރިން އަމުރުކުރި އެވެ. އެކަމަކު އެ އަމުރު ވެސް ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *