ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ކޯޓާއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ބުނީ، ހާމަކުރި ގޮތުގައި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުތަކުގެ އިތުރުން، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނުގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ މާކަނޑުގެ ސަރަހައްދުގައި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ޝައުގުވެރިވާ ދިވެހިންނަށް ނުވަތަ ދިވެހި ކުންފުނިތަކަށް ލޭނު މަސްވެރިކަމުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ކޯޓާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ހާމަކުރި ގޮތުގައި ލޭނު މަސްވެރިކަމުގެ ކޯޓާއަށް އެދި ހުށަހަޅަންޖެހޭ ފޯމު، އެ މިނިސްޓްރގެ ވެބްސައިޓުގެ އިތުރުން މިނިސްޓްރީގެ ކައުންޓަރުން މިހާރު ދޫކުރަމުންދާނޭކަމަށެވެ. ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ކޯޓާއަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިހިނގާ މެއިމަހުގެ އޮނަތިރީސް ވަނަ ދުވަހެވެ.
ކޯޓާ ވިއްކުމަށް ހަމަޖެހިފައިވަނީ ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ޤަވާއިދާއި، ބޭރުކަނޑުގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ކޯޓާ ދޫކުރުމުގެ އުސޫލުގެ ދަށުންނެވެ. ކޯޓާ ވިއްކުމަށް ހަމަޖެހިފައިވާ އަދަދަކީ މިއަހަރުގެ ޖޫންމަހުން ފެށިގެން އަންނަ އަހަރުގެ މެއިމަހުގެ އެއްތިރީސް ވަނަ ދުވަހުގެ ނިޔަލަށް 15،000 މެޓްރިކް ޓަނުގެ ކޯޓާއެވެ.
ނަމަވެސް މި މުއްދަތުގެ ތެރޭގައި ކޯޓާއަށް އެދިފައިވާ އަދަދު 15،000 ހާހަށްވުރެ މަދުވާނަމަ، މިއަދަދު ހަމަވަންދެން ކޯޓާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން އަންނަ އަހަރުގެ މެއިމަހުގެ ނިޔަލަށް ކޯޓާ ވިއްކަމުންދާނޭކަމަށް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ހާމަކުރައްވައެވެ.