ސްރީލަންކާގައި މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ދީނީ ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް 100 މީހުން ހައްޔަރުކޮށްފިއެވެ.
ސްރީލަންކާގެ ފުލުހުން އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، މަނުޖެހުން އެންމެ ބޮޑަށް ހިންގި ނޯތު-ވެސްޓަން ޕްރޮވިންސް (އެންޑަބްލިއުޕީ) އިން ހައްޔަރު ކުރި 78 މީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އެންޑަބްލިއުޕީގެ ޕޮރޮވިންސްގައި ހޯމަ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ވަނީ، މުސްލިމަކު މަރާލައިފައެވެ.
ސްރީލަންކާގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކަކީ، މިިދިޔަ މަހުގެ 21 ވަނަ ދުވަހު އެގައުމަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، ހިނގަމުންގެންދާ ހަމަނުޖެހުންތަކެކެވެ. އެދުވަހު ދިން ބޮމުގެ ހަމަލާތަކަށް ފަހު އަދިވެސް ލަންކާގެ މަޝްރަހު ހަމައަކަށް ނޭޅެއެވެ.
ސިފައިންގެ ތަރުޖަމާން ސުމިތު އަތަޕައްތޫ ވިދާޅުވެފައި ވަނީ ހަމަނުޖެހުމުގެ ހާލަތު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. ކޮލަމްބޯގެ އުތުރުން އޮންނަ އެންޑަބްލިއުޕީ އާއި ޖެހިގެން އޮންނަ ގަމްޕަހާ އަވަށުގައި މިހާރު ވެސް އޮންނަނީ ރޭގަނޑު ކާފިއު ހިންގާފައި ކަމަށެވެ. ހަމަނުޖެހުންތައް ބޮޑުވުމުން މި ހަފުތާގައި މުޅި ލަންކާގައި ވަނީ ދެ ރެއަކު ކާފިއު ހިންގައިފައެވެ.
ގުރޫޕުތަކުން ނުކުމެ ދެމުންދާ ހަމަލާތަކުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާނީ މުސްލިމުންގެ އާބާދީ ބޮޑު ހުޅަނގު ދެކުނު ސަރަހައްދަށެވެ. ހޯމަ ދުވަހުގެ ހަމަލާތައް ހުއްޓުވަން ފުލުހުން ވަނީ ރަބަރު ވަޒަން ބޭނުންކޮށްފައެވެ.