ހާބިލްގެފާނާއި ޤާބިލްގެފާނަކީ އާދަމް ޢަލައިހިއްސަލާމްގެ ދެ ދަރިކަލުންނެވެ. ހާބިލްގެފާނާއި އެއްމާނޑު ކަނބަލެއް ހުއްޓެވެ. ޤާބިލްގެފާނާއިވެސް އެއްމާބަނޑު ކަނބަލެއް ހުއްޓެވެ.

މާތްﷲ އެންގެވީ ހާބިލްގެފާނުގެ އެއްމާބަނޑު ކަނބުލޭގެއާއި ޤާބިލްގެފާނު ކައިވެނި ބެެއްލެވުމަށެވެ. އަދި ޤާބިލްގެފާނުގެ އެއްމާބަނޑު ކަނބުލޭގެއާއި ހާބިލްގެފާނު ކައިވެނި ބެެއްލެވުމަށެވެ.

ނަމަވެސް ޤާބިލްގެފާނުގެ އެއްމާބަނޑު ކަނބުލޭގެ އަކީ ހާބިލްގެފާނުގެ އެއްމާބަނޑު ކަނބުލޭގެއަށްވުރެ ސިފަ ރީތި ބޭކަނބަލަކަށެވެ. އެހެންކަމުން ޤާބިލްގެފާނު ބޭނުންފުޅުވީ އެކަލޭގެފާނުގެ އެއްމާބަނޑު ކަނބުލޭގެއާއި ކައިވެނި ބައްލަވާށެވެ.

ޢާދަމް ޢަލައިހިއްސަލާމް މިކަމާއި އެއްބަސްވެވަޑައެއް ނުގަތެވެ. އެކަލޭގެފާނުގެ ވިދާޅުވީ ދެ ބޭކަލުންވެސް ﷲގެ ހަޟްރަތުގައި ޤުރުބާން ކުރެއްވުމަށްޓަކައެވެ. އަދި ޤާބިލްގެފާނުގެ އެއްމާބަނޑު ކަނބުލޭގެއާއި ކައިވެނި ބެއްލެވޭނީ އެތަނުން މާތްﷲ އެ ބޭކަލެއްގެ ޤުރުބާނީ ޤަބޫލުފުޅު ކުރެއްވި ބޭކަލަކަށެވެ.

އުޑުގެ މަތިން އަލިފާންގަނޑެއް ފޮނުއްވަވައި މާތްﷲގެ ޒާތްފުޅާއި ހަމަކުރައްވާ ޤުރުބާނީ އެއް އެކަލާނގެ ހާމަކުރައްވާނެކަމަށް ޢާދަމްގެފާނު އެންގެވިއެވެ.

ޤާބިލްގެފާނު ޤުރުބާންކުރެއްވީ ހަލާކުވެ ފީވެފައިވާ ގޮވާންކޮޅެކެވެ. ނަމަވެސް ހާބިލްގެފާނު ޤުރުބާންކުރެއްވީ ސިއްހަތު ރަނގަޅު، ފަލަ އަންހެން ބަކަރިއެކެވެ.

ހާބިލްގެފާނުގެ ޤުރުބާނީ ޤަބޫލުފުޅުކުރެއްވުނެވެ.

މާތްﷲ މާއިދާ ސޫރަތުގެ 27 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.

﴿٢٧﴾ ۞ وَاتْلُ عَلَيْهِمْ نَبَأَ ابْنَيْ آدَمَ بِالْحَقِّ إِذْ قَرَّبَا قُرْبَانًا فَتُقُبِّلَ مِنْ أَحَدِهِمَا وَلَمْ يُتَقَبَّلْ مِنَ الْآخَرِ قَالَ لَأَقْتُلَنَّكَ ۖ قَالَ إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ

މާނަ: آدم ގެފާނުގެ ދެދަރިކަލުންގެ خبر، حق ގޮތުގައި ކަލޭގެފާނު އެއުރެންނަށް ކިޔައިދެއްވާށެވެ! އެއީ، އެ ދެދަރިކަލުން قربان އެއް ކުރިމަތިކުރެއްވިހިނދު (ކަންހިނގިގޮތުގެ ވާހަކަ) އެވެ. ފަހެ، އެ ދެދަރިކަލުންކުރެ އެއްދަރިކަލެއްގެ ކިބައިން (قربان) قبول ކުރެއްވިއެވެ. އަނެއް ދަރިކަލުންގެ ކިބައިން قبول އެއް ނުކުރެއްވިއެވެ. އެ ދަރިކަލުން ވިދާޅުވިއެވެ. ތިމަން، ކަށަވަރުންވެސް ކަލޭ قتل ކުރާހުށީމެވެ. އަނެއް ދަރިކަލުން ވިދާޅުވިއެވެ. اللَّه قبول ކުރައްވާކަން ކަށަވަރީ تقوى ވެރިންގެ ކިބައިންނެވެ.

ޤުރުބާނީތައް ބެހެއްޓިފައިވީއިރު ޢާދަމް ޢަލައިހިއްސަލާމްވެސް އެތަނުގައި ހުންނެވިއެވެ. ޤާބިލްގެފާނު ވަރަށް ކޯފާއިސްވެވަޑައިގަތެވެ. އަދި އޭނާގެ އެއްމާބަނޑު ކަނބުލޭގެއާއި ކައިވެނި ކުރުމަށްޓަކައި ހާބިލްގެފާނު ޤަތުލުކޮށްލައްވާނެކަމަށް ވައުދުވެވަޑައިގަތެވެ.

ހާބިލްގެފާނު ޖަވާބުގައި ވިދާޅުވީ އެކަލޭގެފާނަކީ ބާރުގަދަ ބޭކަލަކަށްވުމުގެ އިތުރުން ޤާބިލްގެފާނު ބަލިކުރެއްވުމުގެ ކުޅަދާނަކަން ހުރިނަމަވެސް ޤާބިލްގެފާނާއި ހަނގުރާމަނުކުރައްވާނެކަމަށެވެ. އެއީ އެކަލޭގެފާނަކީ ﷲއަށް ބިރުވެތިވެ ވޮޑިގެންވާ ބޭކަލަކަށްވާތީއެވެ.

މާއިދާ ސޫރަތުގެ 28 ވަނަ އާޔަތުގައި އަދި 29 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ.

﴿٢٨﴾ لَئِن بَسَطتَ إِلَيَّ يَدَكَ لِتَقْتُلَنِي مَا أَنَا بِبَاسِطٍ يَدِيَ إِلَيْكَ لِأَقْتُلَكَ ۖ إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ. ﴿٢٩﴾ إِنِّي أُرِيدُ أَن تَبُوءَ بِإِثْمِي وَإِثْمِكَ فَتَكُونَ مِنْ أَصْحَابِ النَّارِ ۚ وَذَٰلِكَ جَزَاءُ الظَّالِمِينَ

މާނަ: ހަމަކަށަވަރުން، ތިމަން قتل ކުރުމަށްޓަކައި ކަލޭގެ އަތް ތިމަންނަޔާ ދިމާޔަށް ދިއްކުރިއަސް، ކަލޭ قتل ކުރުމަށްޓަކައި، ތިމަންގެ އަތް ކަލެޔާ ދިމާޔަށް ދިއްކުރާނޭ މީހަކު ކަމުގައި ތިމަން ނުވަމެވެ. ހަމަކަށަވަރުން، عالم ތަކުގެވެރި اللَّه ދެކެ ތިމަން ބިރުގަންނަމެވެ. (28)
މާނަ: ހަމަކަށަވަރުން، ތިމަން އެދެނީ ތިމަންގެ ފާފައާއި ކަލޭގެ ފާފައާއިގެން (اللَّه ގެ حضرة އަށް) ކަލޭ رجوع ވުމެވެ. އޭރުން ކަލޭވާހުށީ، ނަރަކައިގެ أهل ވެރިންގެ ތެރެއިންނެވެ. އެއީ އަނިޔާވެރިންގެ ޖަޒާއެވެ. (29)
އެއް ދުވަހެއްގައި ހާބިލްގެފާނު ގެކޮޅަށް ދުރުވެވަޑައިނުގަތުމުން އާދަމް ޢަލައިހިއްސަލާމް ޤާބިލްގެފާނު ހާބިލްގެފާނު ހޯއްދެވުމަށްޓަކައި ފުނުއްވެވިއެވެ.
ހާބިލްގެފާނު ފެނިވަޑައިގަތުމުން ޤާބިލްގެފާނު ވިދާޅުވިއެވެ. "ކަލޭގެ ޤުރުބާނީ ޤަބޫލުކުރައްވައި އަހުރެންގެ ޤުރުބާނީ ޤަބޫލުނުކުރެއްވިއެވެ."
ހާބިލްގެފާނު ވިދާޅުވިއެވެ. "اللَّه قبول ކުރައްވާކަން ކަށަވަރީ تقوى ވެރިންގެ ކިބައިންނެވެ"
އެވަގުތުގައި ޤާބިލްގެފާނު ދަގަނޑު ހިލައެއްފަދަ އެއްޗެއް ނަގައި ހާބިލްގެފާނަށް ހަމަލާދެއްވިއެވެ. އަދި ހާބިލްގެފާނު ވަގުތުން އަވަހާރަވެއްޖެއެވެ. މި ޢަމަލާއިއެކު ޤާބިލްގެފާނު ވެގެން ދިޔައީ އީމާންނުވާ މީހުންގެ ތެރެއިންނެވެ.
މާއިދާ ސޫރަތުގެ 30 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.
﴿٣٠﴾ فَطَوَّعَتْ لَهُ نَفْسُهُ قَتْلَ أَخِيهِ فَقَتَلَهُ فَأَصْبَحَ مِنَ الْخَاسِرِينَ
މާނަ: ދެން އޭނާގެ أخ އާ قتل ކުރުމަށް، އޭނާގެ نفس އޭނާޔަށް زينة ތެރިކޮށް ދައްކައި ފަހިކޮށްދިނެވެ. ދެން އޭނާ، އޭނާގެ أخ އާ قتل ކުޅައެވެ. ދެން އޭނާ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންވިއެވެ.
ހާބިލްގެފާނު ޤަތުލުކޮށްލުމަށްފަހު އެކަލޭގެފާނުގެ ހަށިކޮޅާއިމެދު ކަންތައް ކުރައްވާނެ ގޮތެއް ޤާބިލްގެފާނަށް އެނގިވަޑައިނުގަތެވެ. ބައެއް ހަދީޘް ތަކުގައި ވާރިދުވެފައިވަނީ ހާބިލްގެފާނުގެ ހަށިކޮޅު ބުރަކަށްޓަށް ނަންގަވައިގެން އެއް އަހަރަށްވުރެވެސް ގިނަ ދުވަހު ޤާބިލްގެފާނު އުޅުއްވިކަމަށެވެ. ދެން އެއަށްފަހު މާތްﷲ ދެ ކާޅު ފޮނުއްވިއެވެ.
އެތަނުން އެއްކާޅު އަނެއް ކާޅު މަރާލުމަށްފަހު މަރުވި ކާޅުގެ މުޅަމަސްގަނޑު ބިންކޮނުމަށްފަހު ވަޅުލިއެވެ.
މާތްﷲ މާއިދާ ސޫރަތުގެ 31ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.
﴿٣١﴾ فَبَعَثَ اللَّهُ غُرَابًا يَبْحَثُ فِي الْأَرْضِ لِيُرِيَهُ كَيْفَ يُوَارِي سَوْءَةَ أَخِيهِ ۚ قَالَ يَا وَيْلَتَا أَعَجَزْتُ أَنْ أَكُونَ مِثْلَ هَٰذَا الْغُرَابِ فَأُوَارِيَ سَوْءَةَ أَخِي ۖ فَأَصْبَحَ مِنَ النَّادِمِينَ
'މާނަ: ދެން އޭނާގެ أخ އާގެ (ފުރާނަނެތް) މަސްގަނޑު ނިވާކުރާނީ ކޮންފަދަޔަކުންކަން އޭނާއަށް ދެއްކެވުމަށްޓަކައި، ބިން ހާވާނޭ ކާޅެއް اللَّه ފޮނުއްވިއެވެ." ދެން، އޭނާ ބުންޏެވެ. އޭ، އަހުރެންނަށް ހުރި ހިތާމަޔެއްގެ ބޮޑުކަމާއެވެ! އަހުރެންގެ أخ އާގެ މަސްގަނޑު ނިވާކުޅައުމަށް، މި ކާޅު ފަދައިންވުމަށްވެސް، އަހުރެން ނުކުޅެދިގެން ވީހެއްޔެވެ؟ ދެން، އޭނާ ހިތާމަކުރާ މީހުންގެ ތެރެއިންވިއެވެ.
ޤާބިލްގެފާނުގެ މި ޢަމަލުގެ ސަބަބުން މާތްﷲ ވަނީ ހައްޤަކާއި ނުލައި މީހެއްގެ ފުރާނަ ދުއްވާލާ މީހާއަކީ މުޅި އިންސާނިއްޔަތު ހަލާކުކޮށްލި މީހެއްކަމުގައި ލައްވާފައެވެ. އަދި އިންސާނެއްގެ ފުރާނައަށް ރައްކާތެރިވެެއްޖެ މީހަކީ މުޅި އިންސާނިއްޔަތު ސަލާމަތްކުރެއްވި މީހެއް ފަަދައިން މާތްﷲ ވަނީ ލައްވާފައެވެ.
މާތްﷲ މާއިދާ ސޫރަތުގެ 32ވަނަ އާޔަތުގައި ވަހީކުރައްވާ ބަސްފުޅުގެ މާނައިގައިވެއެވެ.
"އެކަމަށްޓަކައި إسـرآءيـل ގެދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. نفس އެއް މަރައިގެން، ނުވަތަ ބިމުގައި فساد އެއް އުފައްދައިގެން ނޫންގޮތަކަށް، نفس އެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފިމީހާ) އެންމެހާ މީސްތަކުން ދިރުވިފަދައެވެ. ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ رسول ން އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށްފަހު، އެއުރެންގެ ތެރެއިން ގިނަމީހުންނީ ބިމުގައި إسراف ކޮށްއުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، كافر ކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ.)"
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *