ކައިވެނީގެ މާތް ގުޅުމުން ކޮންމެ ދެމެފިރިއަކުވެސް ގުޅޭނީ ނުހަނު ލޯބިންނެވެ. އެކީގައި އެންމެ ފަހު ނޭވާއާއި ހަމައަށްވެސް އުޅުމަށް އެތައް ވައުދުތަކަކާއި އަހުދުތަކެއް ވުމަށް ފަހުއެވެ. މީހަކާއި އިންނަ ހިސާބަކީ ދިރިއުޅުމަށް އެތައް ބަދަލުތަކެއް އަންނަ ހިސާބެކެވެ. ކުރިން ބޮލުގައި ނޭޅޭ އެތައް ޒިންމާތަކެއް ބޮލުގައި އެޅޭނެއެވެ. ގިނަ އަންހެނުން ކައިވެނި ކުރުމަށް ފަހު ދިރިއުޅުމަށް އަންނަ ބަދަލުތަކަށް ފަސޭހައިން ހޭނުނަސް، ގިނަ ފިރެހެނުންނަށް ކައިވެންޏަށް ފަހު ދިރިއުޅުމަށް އަންނަ ބަދަލުތަކާއި އެއްގޮތަށް މީހާ ބަދަލުވުން ވެގެންދަނީ ވަރަށް އުނދަގޫ ކަމަށެވެ. ގިނަ ފަހަރަށް ފިރިހެނުންނަށް ކައިވެންޏަށް ފަހު އަނބިމީހާއާއި އެކު ވަގުތު ހޭދަކުރާ މިންވަރު މަދުކޮށްލެވެނީއެވެ. 

އަންހެނުންނަކީ ނުލާހިކު ނާޒުކު އަދި އެހާމެ ޖަޒްބާތީ ބައެކެވެ. މީހަކާއި އިނދެގެން އުޅޭނަމަ އަނބިމީހާ އެންމެ ބޭނުންވާނެ އެއް އެއްޗަކީ ފިރިމީހާގެ ވަގުތެވެ. އަނބިމީހާ ދައްކަން ބޭނުންވާ ވާހަކަތައް ފިރިމީހާ އަޑުއެހުމެވެ. ނަމަވެސް ގިނަ ފިރިހެނުންނަށް ނޭނގި ނަމަވެސް އަނބިމީހާގެ ވާހަކަތަކަށާއި އަދި ޝަކުވާތަކަށް ބީރު ކަންފަތެއް ދެވޭ ފަހަރުތައް ވެސް މަދެއް ނޫނެވެ. މީގެ ނަތީޖައަކަށް ވަނީ އަނބިމީހާގެ ވާހަކަތަކާއި ޝަކުވާތައް އަޑުއަހާނެ އެހެން މީހެއް ވުމެވެ. ފިރިމީހާ ކައިރިން ނުލިބޭ އަޅައިލުމާއި އަގުހުރި ވަގުތު ދޭނެ އެހެން ފިރެހެނެއް ވުމެވެ. ލޯބިން ގުޅޭ ދެ ލޯބިވެރިން ވަރި ފަށަށް އަރައި އުމުރަށް ވަކިވާން ޖެހެނީ މިކަހަލަ ތާކުންތާކުން ނެޖެހޭ ކުދިކުދި ކަންތައްތަކާއި ހެދިއެވެ.

އަންހެނުންނަކީ އެމީހުންގެ ޒާތުގައި ވަރަށް ސަމާލުކަމާއި ލޯބި ބޭނުންވާ ބައެކެވެ. ފިރިމީހާ ރެއާއި ދުވާލު އޮފީހުގައި ހޭދަކޮށްގެން، ކިތަންމެ ގިނަ ފައިސާތަކެއް ގެނެސް އަތަށް ދިނަސް ގިނަ އަންހެނުން އުފަލެއް ނުވާނެއެވެ. ފައިސާއިން ހުރިހާ އުފާތަކެއް ހާސިލެއް ނުކުރެވޭނެއެވެ. އަނބިމީހާ އުފާވާނީ ތިގެންނަ ބޮޑު ފައިސާ ބޮނޑި އަތަށް ދިނީމައެއް ނޫނެވެ. އޭގެބަދަލުގައި، އަނބިމީހާއަށްވެސް ވަގުތުދީ އަނބިމީހާ ދައްކަން ބޭނުންވާ ވާހަކަތައް އަޑުއެހީމައެވެ. ފައިސާއިން ކިތަންމެ އެއްޗެއް ގަނެވުނަސް، އުފާވެރިކަމެއް ނުގަނެވޭނެއެވެ. ގިނަ އަނބިން ބޭނުންވާނީ ފައިސާއާއި އަގުހުރި ހަދިޔާތަކަށްވުރެ ދެމެފިރިން އެކީގައި އުފާވެރި ވަގުތައް ހޭދަކުރާށެވެ. އަނބިމީހާ ދުވަސް ހޭދަކުރީ ކިހިނެތްކަން ފިިރިމީހާއަށް ކިޔައިދޭށެވެ. 

ފިރިމީހާ ކިތަންމެ ދަންވާ ފަހުންވެސް މަސައްކަތްތައް ނިންމާފައި ގެއަށް އަންނަންދެން ފޫހިކަމެއް ނެތި އިންތިޒާރުގައި އިނުމުންވެސް، ގެއަށް އައިސް އަނބިމީހާއަށް އެއްވެސް ޝައުގެއް ނުދީ ނިދުމުން އަނބިމީހާ ހަގީގަތުގައި އެކަމާއި ވަރަށް ވިސްނާ ފިކުރުކުރާނެއެވެ. ހިތުގައި ޝައްކުތަކާއި ވަހުމްތައް އުފެދެން ފަށާނެއެވެ. އަނބިމީހާ އެކަމާއި ދޭތެރޭ ވިސްނަން ފަށާނެއެވެ. މާޔޫސްވާނެއެވެ. މަޑުމަޑުން އަނބިމީހާ ދެން ފަށާނީ ޑިޕްރެޝަނަށް ދާށެވެ. ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓޭނެއެވެ. ދެމެފިރިންގެ މެދުގައި ކޯޅުންތަކާއި ދެބަސްވުންތައް އިތުރުވާން ފަށާނެއެވެ. އަނބިމީހާ އަށް ފިރިމީހާގެ ހުރިހާ އަމަލްތަކަކަށް ފާރަވެރި ނަޒަރަކުން ބެލެން ފަށާނެއެވެ. ކުދި ކުދި ކަންކަމުގައި ދެމީހުންގެ މެދުގައި މައްސަލަޖެހެން ފަށާނެއެވެ. ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުމަށް ބުރޫއަރަން ފަށާނެއެވެ.

ފިރިމީހާގެ ވަގުތާއި ލޯބި ނުލިބޭނަމަ އަނބިމީހާ ދެން އެހިސާބުން، ލެނބޭނީ އެހެން ފިރެހެނެކަށާއި ދިމާލަށެވެ. ފިިރިމީހާ ކައިރިން ނުލިބޭ ވަގުތާއި އަޅާލުން އެހެން ފިރެހެނަކު ކައިރިން ހޯދަން ފަށާނެއެވެ. ފިރިމީހާއާއި ހިއްސާކުރަން ބޭނުންވި ވާހަކަތައް އެހެން ފިރެހެނަކަށް ކިޔައިދޭން ފަށާނެއެވެ. ފިރިމީހާ އަނބިމީހާގެ އަޑު ނޭހުމުން އެ އަޑު އަހާނެ އެހެން ފިރެހެނަކު ހޯދާނެއެވެ. ދެން އެހިސާބުން މަޑު މަޑުން އަނބިމީހާ، ފިރިމީހާއާއި ދުރުވާން ފަށާނެއެވެ. އަނބިމިހާ އަށް ވަގުތާއި އަޅައިލުން ދޭ ފިރެހެނަކާ އޮންނަ ގުޅުން ވަރުގަދަވެ ގާތްވާން ފަށާނެއެވެ. އެހިސާބުން އަނބިމީހާ ފިރިމީހާ މަތިން ފޫހިވާންފަށާނެއެވެ. އަދި އޭގެ ނަތީޖާއަކަށް ވަނީ އެތައް ދުވަހަކު ލޯބިން އެކީ އުޅެން ވައުދުކޮށްގެން ޖެހި ކައިވެނީގެ ގޮށް މޮހި، ދެމީހުން ދެ ހަތުރުންނަށް ވެގެން ދިޔުމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *