ބޮލުގައި ގޯންޏެއް އަޅުވައި ހޮޅި ދަނޑިއެއްގައި ބަނދެ އަނިޔާކުރި ށ. ފޭދޫ އަންހެން މީހާގެ 21 އަހަރުގެ ދަރިއަކު ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މިދިޔަ ހޯމަ ދުވަހު ބަޔަކު އަނިޔާކުރި އަންހެން މީހާއަކީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެކެވެ. އަންހެން މީހާގެ ޖުމްލަ ފަސް ކުދިން ތިބޭއިރު ދެން ތިބީ އަށާރަ އަހަރުން ދަށް ކުދިންނެވެ. 

އެ ގޮތުން އިއްޔެ ރޭ އެ އަންހެން މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނައި އިރު އޭނާގެ 21 އަހަރުގެ ދަރިފުޅުވެސް ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރައްވައެވެ. 

އެ އަންހެން ކުއްޖާއަކީވެސް ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ.

ޖަޒީރާ ނިއުސްއަށް މައުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ އެސިިސްޓެންޓް ޑިރެކްޓަރ އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ، އެ އަންހެންމީހާގެ ދެން ތިބި ކުދިން ތިބީ އާއިލާ ކައިރީ ކަމަށާއި، އަދި އެކުދިން އެ  ތިބި މާހައުލަކީ ރައްކާތެރި މާހައުލެއްކަން އެބޭފުޅުން ބަލައި ކަށަވަރު ކޮށްފައިވާ ކަމަށެވެ. 

"އެ ދެމައިން މިހާރުވަނީ ށ. ފުނަދޫގައި ހުންނަ މިނިސްޓްރީގެ ބެލުމުގެ ދަށުގަ. މިނިސްޓްރީއިން ބަލައި ހޯދިއިރު އެނގުނު 21 އަހަރުގެ ކުއްޖާއާއި އެކުއްޖާގެ މަންމަ ދިރިއުޅެމުން އައީ ރައްކާތެރި މާހައުލެއްގަ ނޫން ކަން. އެ ގޮތުން ސަރުކާރުން އެ އަންހެން މީހާއަށް ރައްކާތެރިކަން ދިނީ ދިމާވެދާނެ ނުރައްކަލަކަށް ބަލާފަ." އިބްރާހިމް ވިދާޅުވިއެވެ.

އެ އަންހެން މީހާއި އެފަަދައިން ކަންތައް ކުރި ފަރާތްތަކާއި މެދު ފިޔަވަޅު އަޅައި އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެކަން މީގެ ކުރިން ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްވެސް ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *