މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ ފަލަސްތީނުގައި ހާލުގައި ޖެހިފައި ތިބި ކުދިން ރޯދަ ވީއްލުމަށް 1.5 ޔޫރޯ (1.68 އެމެރިކާ ޑޮލަރު) ހަދިޔާކޮށްފިއެވެ.
އިޒްރޭލުން، ޣައްޒާއާއި ސީރިއާ އަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މުސްލިމުން ރަމަޟާންމަހު ރޯދަ ވީއްލުމަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން ރޮނަލްޑޯ ވަނީ އޭނާގެ އަމިއްލަ ފައިސާއިން 1.5 މިލިއަން ޔޫރޯ އެކުދިންނަށް ހަދިޔާކޮށްފައެވެ.
ރޮނަލްޑޯގެ އެ ދީލަތި އެހީގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގެ މުސްލިމުން އަންނަނީ އޭނާއަށް ޝުކުރު އަދާކޮށް ތައުރީފުގެ ބަސްތައް ރައްދުކުރުމުންނެވެ.
މީގެ ކުރިންވެސް ރޮނާލްޑޯވަނީ އެތައް ފަހަރަކު ޣައްޒާގެ މުސްލިމުންނަށް އެހީ ފޯރުކޮށްދީ އިންސާނިއްޔަތު ކަމުގެ ލާމަސީލު ނަމޫނާ ދައްކައިފައެވެ. އެގޮތުން 2017 ވަަނަ އަހަރުގެ ރަމަޟާންމަހުގައިވެސް ރޮނާލްޑޯ ވަނީ ސީރިއާގެ ކުޑަކުދިންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އޭނާގެ ރަން ބޫޓު ހަދިޔާކޮށްފައެވެ. އެ ބޫޓުގެ އަގުގައި 1.5 މިލިއަން އާއި 2 މިލިއަން އާއި ދެމެދުގެ އަދަދެއްގެ ޔޫރޯ ހުންނާނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން 2012 ވަނަ އަހަރުގައިވެސް ރޮނާލްޑޯވަނީ އޭނާގެ ރަން ބޫޓު ވިއްކާލުމަށްފަހު އެއިން ލިބުނު ފައިސާތައް ފަލަސްތީނުގައި ތިބި ޣައްޒާގެ ކުޑަކުދިންނަށް ހަދިޔާކޮށްފައެވެ. އޭގެ އަގުގައިވެސް 1.5 މިލިއަން ޔޫރޯ ހުންނަ ކަމަށް ވެއެވެ.
ބައެއް މީޑިއާތަކުން ބުނަމުން އަންނަނީ ރޮނާލްޑޯއަކީ ވަރަށް ސާފު އަދި ހެޔޮ ހިތެއް އޮތް އިންސާނެއްކަމަށެވެ. ޣައްޒާ އާއި ސީރިއާއަށް ދެމުން ގެންދާ ލާއިންސާނީ ޢަމަލުތައް ބަހުން ކުށްވެރި ކުރިނަމަވެސް އެކަމާއި ބެހޭގޮތުން ފިޔަވަޅެއް އަޅާފައިވަނީ އިނގިލިން މަދު ގައުމުތަކުންނެވެ.