ރެއާ ދުވާލެއްގެ މައްޗަށް 8 ގަޑިއިރު ނިދި ބޭނުންވާ ކަމަށް މާހިރުން ބުނެއެވެ. އަދި ދުޅަހެޔޮ ސިއްޙަތަކަށް ނިންޖަކީ މުހިންމު ދައުރެއް އަދާ ކުރާ އެއްޗެއްކަންވެސް ވަނީ ހާމަ ވެފައެވެ. ނަމަވެސް ނިދުމަކީވެސް ހުނަރެކޭ ބުނެވިދާނެއެވެ. ބައްޔެކޭވެސް ބުނެވިދާނެއެވެ. އެއް ބަޔަކު ހަމަ ޖެހޭ ކޮންމެ ތާކު ނިދޭއިރު ބޭސް ކައިގެން ނޫނީ ނުނިދޭ މީހުންވެސް އުޅެއެވެ.

ނިދަން އަރާ އެކި މީހުން ކުރަނީ އެކި ކަންކަމެވެ. ނިދި އައި ނަމަވެސް ނިދެންދެން ކޮންމެވެސް ކަމެއް ކޮށްލަން ޖެހޭ މީހުން ގިނައެވެ. އޭގެ ތެރެއިން އެއް ބަޔަކީ ބުރަކަށި ކަހައިގެން ނިދޭ މީހުންނާއި ކުދިންނެވެ. ނިދަން އެރީމާ މުޅި ގައި ހިރިހިރި ލަނީ ކަންނޭނގެއެވެ. ތުއްތު ކުދިން މަންމަ ލައްވާ ބުރަކަށި ކަހުވާއިރު ބޮޑެތިވެ މީހުންނާ އިނީމާވެސް އެކަން ނުހުއްޓި އަނބިމީހާ ލައްވައިވެސް އެކަން ކުރާ މީހުން މަދެއްނޫނެވެ. ބުރަކަށި ކަހާ މީހާގެ ދެއަތް ވާޅު ވާއިރުވެސް ކެހުނު ކަމަކަށް ނުވާނެއެވެ. އަދި އެންމެ ހެއްވާ ކަމަކީ ދުވަހަކުވެސް ކަހަން ބޭނުންވާ ތަން ނުކެހި ގިނައިރު ވާނަމަ އެ އަރާ ފޯރިއެވެ. އެ އަންނަ ރުޅި ގަނޑާއެކު އެ ކިޔާ ލަވަ ހުރިހާ ފުރައެއްގައިވެސް ކިޔައެވެ. ބުރަކަށި ކަހަމުން ގޮސް މުޅި ގައި ކަހަން ޖެހި ކަހާ މީހާ ނިދޭއިރުވެސް ނިދަން އުޅޭ މީހާއަކަށް ނުނިދޭނެއެވެ. ކަހާތަން ފާރުވެފައި ހުންނަނީވެސް މަދެއްކޮށެއް ނޫނެވެ.

ބާރަށް ލަވަ ޖަހައިގެން ނިދާ މީހުންނާއި އަޑު މަޑު ތަންތާ ނިދޭ މީހުންވެސް އުޅެއެވެ. ގޭތެރޭ ކިތަންމެ އަޑު ގަދަ ކުރި ނަމަވެސް ނިދަން ވެއްޖެނަމަ 'ސްވިޗް' އޮފް ކޮށްލާ ފަދައިން ނިދާލާ މީހުންނަކީ ނިދީގެ ހުނަރުވެރިންނޭ ބުނެވިދާނެއެވެ. އޭގެ އިދިކޮޅަށް ގޭ ބަދިގޭގައި ކުނި ޒުވާބެއް ކޮށްލިޔަސް ސަމުސަލެއް ވެއްޓުނަސް ހޭލެވޭ މީހުން އުޅެއެވެ. އެއްގޮތަކުން މިމީހުންނަކީ މާ ނަސީބު ގަދަ ބައެކޭ ބުނެވިދާނެއެވެ. ގެއަށް ވަގަކު ވަންނަން އުޅުނަސް މިވެރިންނަށް ހޭލެވިދާނެއެވެ. އެހެނޭ ކިޔާފައި ގުގުރި ޖެހީމާވެސް ނުހޭލެވޭ މީހުން ގޭގެ ޓިނުކޮޅާއި އަނބިދަރިން ކޮނޑުލައިން ދިޔަސް އޮންނާނީ ގުގުރީގައެވެ.

ދެން އަދި ވާހަކަ ކިޔައިދޭން ޖެހުމާއި ލަވަ ކިޔައިދޭން ޖެހުމަކީވެސް ނިންދަވަން ކުރަން ޖެހޭ ކަމެކެވެ. މިފަދަ ހާލަތެއްގައި ވާހަކަ ނުވަތަ ލަވަ ކިޔައިދޭ މީހަކީ ހުނަރުން ފުރިފައިވާ މީހެކެވެ. ހަދަހަދައިގެން ވާހަކަ ކިޔާ މީހުންވެސް އުޅެއެވެ. ހަމަ އެ ގޮތަށް ނިދާ ގަޑީގައި ކިޔާ ވާހަކަ ފޮތް ހޯދައިގެން ވާހަކަ ކިޔައިދޭ މީހުންވެސް އުޅެއެވެ. މި ފަދަ މީހުންނަށް ފުދޭ ވަރަކަށް ވިސްނަން ޖެހެއެވެ. ނިދި މޮޔަ ވެފައި އޮތަސް ކިޔައިދޭ ވާހަކަތައް ގިނަ ދުވަހަށް ހަނދާނުގައި ހުންނާތީ ހަދަހަދައިގެން ވާހަކަ ކިޔާއިރުވެސް ވާހަކައިން އިބުރަތެއް އުފަން ކުރުވުމަށް ސަމާލުކަން ދޭން ޖެހޭނެއެވެ.

ސުވާލު ފޮށިވެސް މިއީ ކުދިން ނިދަން ވެގެން އުޅޭއިރު ކުރާ ކަމެކެވެ. ކޮޓަރީގައި ލާފައި ހުންނަ ކުލައާއި ފަންކާ އެނބުރޭ ގޮތާއި އެދުވަހު ވީ ކަމެއްގެ ވާހަކަތަކުން ސުވާލު ފުލުފުލުގައި ކުރާނެއެވެ. މިކުދިންނަކީ ކަންކަން ދަސްކުރަން އުޅޭ ކުދިންނޭ ބުނެވިދާނެއެވެ. އެހެންކަމުން ނިދާ ގަޑީގައިވިޔަސް ސުވާލު ތައް ކަނުލާ އަހާށެވެ. އަދި އެދެވޭ ޖަވާބު ދޭށެވެ. ނަމަ ނަމަ ދޮގު ނުހަދައްޗެވެ. ދެވޭ ޖަވާބަކީ އެކުދިން އެ އުމުރުގެ އެހެން ކުދިންނަށް ކިޔައިދޭ އެއްޗަކަށްވެ އެ ހިސާބުން ދޮގެއްކަން އެނގުނީމާ ތިބާއާއި ކުއްޖާއާ ދެމެދު އޮންނަ އިތުބާރު ގެއްލޭގޮތް ވެއެވެ.

އުނދޯލި ހެއްލުންވެސް މިއީ ކުދިން ނިންދެވުމަށް ކުރާކަމެކެވެ. ކުރީގައި ބައެއް ގޭގޭ ސިޓިންރޫމްގައި ބޮޑު އުނދޯލި ހުރުން އެއީ ލާޒިމް ކަމެކެވެ. ކުދި އުނދޯލިވެސް ގެންގުޅެއެެވެ. މީގެ އިތުރުން ފައިމަތީ ބާއްވައިން ނިންދެވުމަކީ އަދި ބުރަ ކަމެކެވެ. ނުނިދަން ބޮޑާ ހާކާލީމާ ފައިމަތީ ބާއްވައި ދެފަރާތަށް ހެއްލައިލީމަ ނިދާ ކުދިންވެސް އުޅެއެވެ. ބައެއް ރޭރޭ އެގޮތަށް ހެއްލާ ހެއްލާ ކަކުލު ހުޅު އައްސިވެ ހުޅުން ފައި ވަކިވާއިރުވެސް ނިދާކަމަކަށް ނުހަދާނެއެވެ.

ދަރިން ނިންދެވުމަކީ ޖުމްލަކޮށް ހުނަރު ލިބިގެން ނޫނީ ނުކުރެވޭނޭ ކަމެކެވެ. އަދި އެކަމަށް ވަގުތު ހޭދަވިޔަސް ހޭދަކުރެވޭ ވަގުތަކީ މުހިންމު ބޭނުންތެރި ވަގުތުކޮޅެކެވެ. ދަރިންނާ އޮންނަ ގުޅުން ބަދަހިވެ އާއިލީ ގުޅުން ވަރުގަދަވެސް ވާކަމެކެވެ. ކިތަންމެ އަވަދިނެތި އުޅުނަސް މިކަން ތަޖުރިބާ ކޮށްލައްވާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *