ސިޔާސީ ޕާޓީތަކަށް އޮޑިޓް ރިޕޯޓް އަދި އަހަރީ ރިޕޯޓު ހުށައެޅުމަށް ދީފައިވާ މުހުލަތު ހަމަވިއިރު، އެ ދެ ރިޕޯޓު ހުށައަޅާފައި ނުވަނީ އަދާލަތު ޕާޓީ އާއި ޑީއާރްޕީއިން ކަމަށާއި އެ ދެ ޕާޓީއާއި މެދު އަޅާނެ ފިޔަވަޅެއް މިއަދު ކަނޑައަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީއިން) ބުނެފިއެވެ.
އީސީއިން ބުނީ، އެ ކޮމިޝަނުން ދިން މުއްދަތު ހަމަވިއިރުވެސް އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ހުށައަޅާފައި ނުވަނީ އަދާލަތާއި ޑިއާރްޕީން ކަމަށްވާއިރު، ޕީޕީއެމް އިންވެސް އަހަރީ ރިޕޯޓު ހުށައަޅާފައިވަނީ އިއްޔެ ކަނޑައަޅާފައިވާ ސުންގަޑި ހަމަވެފައިވަނިކޮށް ކަމަށެވެ.
އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ހުށަނާޅާ ޕާޓީތައް 25000 އާއި 75000 އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާކަމަށް ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ޤާނޫނުތަކުގައިވެއެވެ. ހަމައެހެންމެ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފައިސާވެސް ދޭނީ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ހުށައެޅުމުންނެވެ.
އިލެކްޝަންސް އިން ބުނިގޮތުން މިއަދު ބާއްވާ ކޮމިޝަންގެ ބައްދަލުވުމުގައި އަހަރީ ރިޕޯޓު އަދި އޮޑިޓް ރިޕޯޓު ހުށައަޅައިފައިނުވާ ދެ ޕާޓީއާމެދު އަޅާނެ ފިޔަވަޅެއް ނިންމާނެއެވެ. އަދި އެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ނިންމާ ނިންމުމެއް ހާމަކުރާނެ ކަމަށްވެސް އީސީއިން ބުންޏެވެ.