ދައުލަތުން ބަދަލު ދޭންޖެހޭ ގޮތަށް މި ފަހުން ނިންމި ބޮޑެތި މައްސަލަތަކުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިސްތަށިފުޅުގައި އަޅުވާ ކޮރަޕްޝަންގެ ތުހުމަތުތައް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ދޮގުކުރައްވައިފިއެވެ.
އެކަން ދޮގުކުރައްވައި، ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ އަމިއްލަ ތަޖުރިބާގެ އަލީގައި ރިފްއަތަކީ ވަރަށް ވެސް ނަޒާހަތްތެރި ބޭފުޅެއް ކަމަށެވެ. އަދި އޭނާ އެއްވެސް ބާވަތެއްގެ ކޮރަޕްޝަންގެ އަމަލެއް ހިންގަވާފާނެ ކަމަކަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރިފްއަތު ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ނަޝީދު ހައްޔަރުކުރުމާ ގުޅިގެން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރައްވައިފަ އެވެ.
ރިފްއަތަށް އެންމެ ބޮޑަށް ތުހުމަތުކުރީ ދީބާޖާ މައްސަލައިގައި މާލީ މަންފާތަކެއް ހޯއްދަވަން އުޅުއްވި ކަމަށެވެ. އެމްޑީޕީ ސަރުކާރުގައި ދީބާޖާއަށް ދިން ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގެ އެއްބަސްވުން އުވާލުމުގެ ބަދަލެއްގެ ގޮތުން 348 މިލިއަން ރުފިޔާ ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.
ދީބާޖާގެ މައްސަލައިގައި ރިފްއަތައް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވި ނަމަވެސް އޭނާ ވަނީ އެ ފާޑުކިޔުންތަކަށް ރައްދުދެއްވައިފައެވެ. އެގޮތުން ރިފްއަތު ވިދާޅުވީ، ،އޭނާގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި އޭނާ އަކީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އިހްލާސްތެރިކަމާއި އެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ.