ފިރިހެނަކު ކުޑަކުއްޖަކު ގޮވައިގެން މާލެއިން ހުޅުމާލެއަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން ހައިވޭ ރޭޑަރ ކައިރިން ފެންސްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
އެ އެކްސިޑެންޓް ހިނގި ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ އިރުއޮއްސި 18:44 ހާއިރުގައެވެ.
އެކްސިޑެންޓްގައި ސައިކަލްގައި އިން އެއް އަހަރާއި ނުވަ މަހުގެ ކުއްޖާގެ ބޮލުގެ ކަނާތްފަރާތުން 3 އިންޗި ހުންނަ ވަރުގެ ތަނެއް ވަނީ ކަފައިގެންގޮސްފައެވެ. އެ ކުއްޖާގެ ސީޓީ ސްކޭނެއް ހެދުމަށް އޭޑީކޭގައި ފަރުވާ ދެމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ސައިކަލް ދުއްވަން އިން 46 އަހަރުގެ ފިރިހެން މީހާއަށްވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އެމީހާގެ ދަތްދޮޅި، ދެ ކަކޫ، އުޅަނބޮށި ވަނީ މަށައިގެން ގޮސްފައެވެ.
އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް އޮތް ކަމަށާއި ކުއްޖާގެ ގައިގައި އިނީ ބެލްޓް އަޅައިފައިކަމަށް ފުލުހުން ބުންޏެވެ. އަދި ދެ ފަރާތުންވެސް އެކްސިޑެންޓްވި ވަގުތުގައި ތިބީ ހެލްމެޓްވެސް އަޅައިގެންކަމަށް ފުލުހުން މައުލޫމާތު ދިނެވެ.