މީސްމީޑިއާގައި ހާލުގައި ޖައްސައި އަނިޔާކުރުމަށްފަހު ފޮޓޯތައް ޢާންމުކުރި ޚާއްސަ އެހީއަށް ބޭނުންވާ އަންހެން މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްގެންދަން ފަށައިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީއިން ބުނެފިއެވެ.
ޖެންޑަރ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އިބްރާހިމް މުޙައްމަދު ވިދާޅުވީ، ބަޔަކު ށ.ފޭދޫގައި ލާއިންސާނީ އަނިޔާތަކެއްދިން ޚާއްސަ އެހީއަށް ބޭނުންވާ އަންހެންމީހާގެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި އެމީހާ ދައުލަތުގެ ބެލެހެއްޓުމުގެ ދަށަށް ނެގުމުގެ މަސައްކަތުގެ އިންތިޒާމްތައް ހަމަޖައްސަވާފައިވާކަމަށެވެ.
މި މައްސަލައިގައި އަންހެން މީހާއަށް އަނިޔާދިން މީހުންނާމެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުންގެ ކިބައިން އެދިފައިވާކަމަށް އިބްރާހިމް މުޙައްމަދު ވިދާޅުވިއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ތަސްވީރުތަކުން ފެނިގެންދަނީ، އެ އަންހެން މީހާ ހޮޅިދަނޑިއެއްގައި ބަނުމަށްފަހު އޭނާގެ ބޮލަށް ގޯންޏެއް މަހައިފައި ވަނިކޮށެވެ.
ށ.ފޭދޫގެ ކައުންސިލުން މިކަމާ ބެހޭގޮތުން ބުނެފައިވަނީ މީގެ ކުރިންވެސް އެ އަންްހެންމީހާގެ ހާލަތު ބަޔާންކޮށް ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކަށް ސިޓީ ހުށައަޅާފައިވާކަމަށެވެ.