ށ.އަތޮޅާއި ނ. އަތޮޅުގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، ފުނަދޫގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް، އެރަށު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އިއްޔެ އިރުއޮއްސި 18:16 ހާއިރު 36 އަހަރުގެ ދިވެހި ފިރިހެނެއް އެރަށު ބަނދަރު ސަރަހައްދުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުންދާ ލޯންޗަކުން މާޅެންދުއަށް ގެންދާ ފޮށިގަނޑެއްގައި މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުނަދޫ ބަނދަރުގައި އޮތް ދޯންޏަކަށް އަރާ ކޮތަޅެއް ބާލައިގެން ދަނިކޮށް އެ މީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު، އޭނާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ލަންދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މެއި 13 ވަނަ ދުވަހުގެ 13:13 ހާއިރު ހިންގި އޮޕަރޭޝަނުގައި، މާޅެންދުއަށް އެ ލޯންޗު ގާތްކުރުމުން ފޮށިގަނޑާ ހަވާލުވާން އައިފަރާތް ހުއްޓުވައި ބަލައިފާސްކުރިއިރު އެ ފޮށިގަނޑު ތެރޭގައި އޮތް ޓްރިމަރެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފުލުހުން ވަނީ މިއަދު އ.ދ މަހިބަދޫ އިންވެސް މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފައެވެ.