އދ.މަހިބަދޫ އިން މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެމުން ވިދާޅުވީ، މަހިބަދޫ ޕޮލިސް ސްޓޭޝަނަށް އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ 24 އަހަރުގެ ފިރެހެނެއް ހައްޔަރުކޮށްފައެވެ. ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަނު ހިނގީ މިއަދު ފަތިހު 5:40 ހާއިރެވެ.
ހިބަދޫ މަގުމަތިން ސައިކަލެއްގައި މިމީހާ ދަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށްޝައްކުކުރެވޭ އެއްޗެއް އަޅާފައިހުރި ދެ ރަބަރު ޕެކެޓު، އެމީހާ ދުއްވަން އިން ސައިކަލުގެ މަޑިދަށުން ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެމީހާ މިހާރު ހުރީ ހައްޔަރުގައި ކަމަށާއި މިހާރު މަހިބަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.