ހިތަދޫގައި އައްޑޫ ސިޓީ ސްކޮޔާ ތަރައްޤީ ކުރުމަށްޓަކައި އެތަނުގައި ހުރި ރުއްތައް ނެގުމުގެ ހުއްދަ ދިނީ، ނެގި ރުއްތައް އަލުން އައްޑޫގެ އެހެން ސަރަހައްދެއްގައި އިންދުމަށް ޝަރުތުކޮށްފައި ކަމަށް އީޕީއޭ އިން ބުނެފިއެވެ.
އީޕީއޭ އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ، އެ ޝަރުތުގެ ދަށުން ރުއްތައް އަލުން އިންދާނެކަމުގެ ޔަގީންކަން ޢާންމުންނަށް އަރުވާ ކަމަށެވެ.
އައްޑޫ ސިޓީ ސްކޮޔާ ތަރައްޤީ ކުރަން އެތާގައި ހުރި ރުއްތައް ނަގާތީ ގިނަ އަދަދެއްގެ ޢާންމުންގެ އިތުރުން އެ ސިޓީގެ ރައްޔިތުންވެސް އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅު ކޮށް މީސްމީޑިއާގައި އެވާހަކަތައް ހިއްސާކުރަމުންނެވެ.
މި ތަން ތަރައްގީކުރުމަށްފަހު ކުލަގަދަ ރަސްމިއްޔާތަކާއެކު ހުޅުވާލުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރެވެއެވެ.