ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އަނިޔާ ވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު ހުޅުމާލެ އިން މާލެއަށް ދުއްވާފައިދިޔަ ސައިކަލެއް އޯވާޓޭކް ކުރަން ކާރު ލޭނަށް އެރިވަގުތު ކާރެއްގައި ޖެހިގެން ސައިކަލް 116 ފޫޓް ދުރަށް ދިޔަ ކަމަށެވެ. އަދި ކަހާލައިގެން ގޮސް ސައިކަލް ލޭނުގައި ދުއްވާފައިދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ކަހާލި ސައިކަލް ދުއްވަން އިނީ އުމުރުން 20 އަހަރުގެ ޒުވާނެއް ކަމަށާއި، އޭނާއަށް ލިބިފައިވާ އަނިޔާތަކަަށް މިހާރު އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުން ކަމަށެވެ. ސައިކަލު ކަހާލައިގެން ގޮސް ޖެހުނު އަނެއް ސައިކަލުގައި ތިބި ދެމީހުންނަށް ވެސް އެކިވަރުގެ ކުދި އަނިޔާ ލިބިފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ކަހާލައިގެން ދިޔަ ސައިކަލު ދުއްވަން އިން މީހާ އަތުގައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ. ފުލުހުން ވިދާޅުވީ, އޭނާ ދުއްވަން އިން ސައިކަލު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ.