ފުރަތަމަ ފަހަރަށް ފަތްޖަހާލެވޭ ކޮމްޕިއުޓަރ ސްކްރީންއެއް އިންނަ ލެޕްޓޮޕެއް ދުނިޔެއަށް ދައްކައިލި ކުންފުންޏަކަށް ލެނޯވޯ ވެއްޖެއެވެ.

މިކަންތައް ކުރެވެނީ ލެނޯވޯގެ އާ ލެޕްޓޮޕެއްކަމަށްވާ "ލެނޯވޯ ތިންކްޕެޑް އެކްސްވަން" އިންނެވެ. ލެނޯވޯ އިން މި ލެޕްޓޮޕު ތަރައްޤީ ކުރުމުގެ މަސައްކަތްކުރާތާ ތިން އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ކުންފުނީގެ އުންމީދަކީ 2020 ގައި ތިންކްޕެޑް އެކްސްވަން އެއްކޮށް ނިންމުމަށްފަހު ލޯންޗްކުރުމެވެ.

މިހާތަނަށް ޢާންމުންގެ ތެރެއަށް ނެރެފައިވާ ފަތްޖަހާލެވޭ ޑިވައިސްތަކާއި މި ލެޕްޓޮޕް ތަފާތުވާ ގޮތަކީ، ތިންކްޕެޑް ޑިޒައިން ކޮށްފައިވަނީ އެ ބޭނުންކުރާ މީހުންނަށް ފުލްސައިޒް ޑިވައިސް އެއް ކުޑަކޮށްލުމުގެ ފުރުސަތު ފަހިކުރެވިފައިވާ ގޮތަށެވެ. މީގެ ކުރިން ސެމްސަންގް އާއި ވާވޭ ފަދަ ކުންފުނިތަކުން ނެރެފައިވާ ފޯލްޑަބަލް ޑިވައިސްތައް ފަރުމާކޮށްފައިވަނީ ކުޑަކޮށް އިން ސްކްރީނެއް ބޮޑުކުރެވޭ ގޮތަށެވެ.

13.3 އިންޗި 4:3 OLED 2K ޑިސްޕްލޭ އިންނަ މި ލެޕްޓޮޕް ފަތްޖަހާލުމުން އާދައިގެ ހާރޑް ބެކް ބުކް އެއް ވަރުވާނެއެވެ. މި ލެޕްޓޮޕްގެ ބަރުދަނުގައި ކިލޯގްރާމެއްވެސް ނުހުންނާނެކަމަށް ވެއެވެ.

މީގެއާއި ވާދަކޮށް ބަލާއިރު އާދަޔާ ޚިލާފަށް ބަރުދަން ލުއި 13 އިންޗި މެކްބުކް ޕްރޯގައިވެސް ހުންނަނީ 1.3 ކިލޯގުރާމެވެ.

ތިންކްޕެޑް ލެޕްޓޮޕެއް ފަދައިންވެސް ބޭނުންކުރެވިދާނެއެވެ. ހަމައެއާއެކު ފޮތެއް ފަދައިން ފަތްޖެހުމަށްފަހުވެސް ބޭނުންކުރެވޭނެއެވެ. މި ޑިވައިސް ހަދާފައިވަނީ އެއްކޮށް ފަތްޖަހާފައިވާއިރުވެސް ބޭނުންކުރާ މީހުންނަށް ވައިފައި ކީބޯޑެއް ގުޅައިގެން ނުވަތަ ސްކްރީންގައި ކީބޯޑް ފެންނަގޮތަށް ބޭނުންކުރެވޭ ފަދައިންނެވެ.

މިހާތަނަށް މި ޑިވައިސް ރިވިއުކުރި މީހުން ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ލެނޯވޯއިން އަންނަނީ ސެމްސަންގް ގެލެކްސީ ޕޯލްޑަބަލް ފޯނަށް ދިމާވި ފަދަ ކަމެއް ތިންކްޕެޑަށް ދިމާވިޔަ ނުދިނުމަށްޓަކައި ލެޕްޓޮޕް ހިންޖަށް ގިނަ އަދަދެއްގެ ޓެސްޓްތައް ކުރަމުންނެވެ.

އަދި މިހާތަނަށް މި ލެޕްޓޮޕަށް ވަކި އަގެއް ކަނޑައަޅައިފައި ނުވާއިރު ލެޕްޓޮޕް ނެރޭނެ ތާރީޚެއްވެސް ވަނީ ޢާންމުންނާ ހިއްސާނުކޮށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *