އެންމެ ފަހުން ނިމުން ކުއާޓަރގައި ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ދައުލަތުގެ ޢާމްދަނީގެ ގޮތުގައި ލިބެންޖެހޭ 387 މިލިއަން ރުފިޔާ ހޯދައިދީފިއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އިން ބުނީ ދައުލަތަށް އެންމެ ފަހުން ނިމިދިޔަ ކުއާޓަރގައި ލިބެން ޖެހޭ ފައިސާ އިން ނުލިބި ހުރި ފައިސާގެ ތެރެއިން މިހާރު ލިބުނީ ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިވެދީގެން ހޯދި 205 މިލިއަން ރުފިޔާ އާއި ހަނދާން ކޮށްދީގެން ރިމައިންޑާ ކޯލްސް އަދި އީމެއިލްސްގެ ގޮތުގައި ހޯދި 124 މިލިއަން ރުފިޔާކަމަށެވެ.
މީރާއިން އިތުރަށް ވަނީ ޑިއުޒް ކްލިއަރަންސްގެ ގޮތުގައި މުއްދަތު އިތުރުކޮށް ދީގެން 52 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދާފައެވެ. ލީގަލް އެކްޝަންގެ ނެގުމުގެ ސަބަބުން މީރާއަށް 544،564 ރުފިޔާ ލިބިފައިވާއިރު ބޭންކް އެކައުންޓް ފްރީޒްކުރުމުގެ ސަބަބުން މީރާއަށް ވަނީ އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައެވެ.
މިދިޔަ ކުއާޓަރގައި މީރާއިންވަނީ 204 އޮޑިޓްކޮށް 184.4 މިލިއަން ރުފިޔާ އިތުރަށް ދައްކަން އަންގާފައެވެ.