ދުނިޔެއަކީ ވަގުތީ އުފަލެކެވެ. އެއް ބަޔަކު ފައިސާވެރިންނަށްވެ އަނެއް ބަޔަކު އުޅެނީ އަނގަޔާ އަތާ ދިމާ ނުވެގެނެވެ. ދަރިން ލިބި އުފަލުގައި އެއްބަޔަކު އުޅޭއިރު ދަރިން ލިބި ހުރެމެ މޮޅިވެރިކަން އިހްސާސްކުރާ މީހުންވެސް މަދެއް ނޫނެވެ. ދަރިން ނުލިބޭ މީހުންވެސް އެމީހުންގެ އެ ހިތްދަތި ހަޔާތް ވޭތު ކުރަމުންދަނީ އަދަށްވުރެ ފެހި މާދަމާއަކަށް އެދިއެދިއެވެ. މި ދުނިޔޭގައި ހޭދަ ކުރާ މި ދުވަސްތަކުގައި ދިމާވާ އެކި އެކި ކަންކަން އެކި މީހުން ތަޖުރިބާ ކުރަނީ އެކި ގޮތަށެވެ. ބައެއް މީހުން އެމީހުނަށް ދިމާވާ ކަންކަން އެހެން މީހުންނާ ހިއްސާ ކުރެއެވެ.
ގާތް ރައްޓެއްސެއް އެމީހަކަށް ދިމާވި އެއްވެސް ކަމެއް ހިއްސާ ކުރަން އުޅެފިނަމަ، އެކަމަށް ވަގުތު ދޭށެވެ. ކަނުލާ އަޑު އަހާށެވެ. ކިތަންމެ ބިޒީ ވަގުތެއް ނަމަވެސް އެމީހަކަށް އެ ވަގުތު ހުސްކޮށްލަދޭށެވެ. އެހެނީ އެމީހަކު ތިބާ ޚިޔާރު އެ ކުރީ ސަބަބެއް އޮތީމައެވެ. އެންމެ ފުރަތަމަ ކަމަކީ ތިބާއަށް އޭނާ ކުރި އިތުބާރެވެ. އެހެން މީހުންވެސް ރައްޓެހިންގެ ލަގަބު ދީގެން އުޅޭއިރު ސީދާ ތިބާ ކައިރިއަށް އެއައީ ގައިމު ކަމެއް ވެގެނެވެ. އެހެންކަމުން އޭނާ ދައްކާ ވާހަކަ ކަނުލާ އަޑު އަހާށެވެ.
ހަމަ އެކަނި އަޑު އެހުމަކުން ނުނިމެއެވެ. އޭނާ އެކުރި އިތުބާރު ދަމަހައްޓަންވެސް ޖެހެއެވެ. އެ ވާހަކަ އެހެން މީހެއް ކައިރީ ދައްކައިގެން ނުވާނެއެވެ. އެ ވާހަކަ ދެވަނަ މީހެއް ކައިރީ ދައްކައިފިކަން އޭނާއަށް އެނގިއްޖެނަމަ ތިބާއަށް ކުރި އިތުބާރު ގެއްލުނީއެވެ. ދެން ދުވަހަކުވެސް އެ އިތުބާރެއް ނުކުރާނެެއެވެ. ނަމަނަމަ އެ ފަދަ ވާހަކައެއް މޮޅުވާން ވެސް ނުވަތަ ގަދަ ކޮށްލަންވެސް އެހެން މީހަކާ ހިއްސާ ނުކުރައްޗެވެ.
އޭނާ އެވާހަކަ ހިއްސާ ކުރީ ކީއްވެކަން ދެނެގަންނާށެވެ. އޭނާގެ މަޤުޞަދަކީ އެ ދިމާވެގެން އުޅޭ ކަމެއް ހައްލު ކުރުމެވެ. ދިމާ ވެގެން އުޅޭ މައްސަލައަކުން އަރައިގަންނާނޭ ގޮތްތަކެއް ހޯދުމެވެ. ކުރިޔަށްދާންވީ ގޮތުގެ ޚިޔާލު ހޯދުމެވެ. އެހެންކަމުން ދައްކާ ވާހަކަ ކަނުލާ އެހުމަށްފަހު ތިބާގެ ޚިޔާލުތައް ދޭށެވެ. ކުރިޔަށް ދާންވީ ގޮތް ކިޔައިދޭށެވެ. ނަމަނަމަ މަޖަލަކަށް ނުހަދައްޗެވެ.
މި ހިސާބުންވެސް ދޫކޮށްނުލައްޗެވެ. އޭނާ ތިބާ ގާތަށް އައީ އެންމެ ފަހު ނިންމުމެއްކަމަށް އަބަދުވެސް ދެކޭށެވެ. އޭނާގެ ވާހަކަތައް ކައިރިން އަހާށެވެ. އުޅޭ ގޮތް ގާތުން ބަލާށެވެ. އިތުރަށް ކުރިޔަށް ގެންދަންވީ ގޮތް އަބަދުމެ ވިސްނާށެވެ. ގޮވާލީމާ އިވޭ ފަށުގައި އަބަދުމެ ހުންނާށެވެ. އަހައިގެންވެސް އޭނާގެ ޚަބަރުތައް ހޯދާށެވެ. ދިން ނަޞޭހަތް ބޭނުންކުރޭތޯ ޔަޤީން ކުރުމަށެވެ.
މިއީ ވަރަށް ގިނައިން ދިމާވާ ހާލަތެކެވެ. ހިޔާލު އަހާލުމުން މަޖަލަކަށް ހަދައި އެކަމަށް ޖޯކު ޖަހާތަން ފެނެއެވެ. ފަހުން އެމީހަކު ނުބައި މަގަކުން ގޯޅިއެއް އެޅީމާ އެ ދުވަހު އެހެން ނުހެދުނު ނަމައޭ ވިސްނެއެވެ. ނަމަވެސް އޭރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. އިހުގެ ހާއްސަ ގުޅުމެއް އޮންނަ މީހެއްވެސް މިހެން ކަން ކޮށްފާނެއެވެ. ނަމަވެސް އޭގެ މާނައަކީ ތިބާ ދެކެ ލޯބިވެ ގުޅުން އިޢާދަ ކުރަން ބޭނުންވީ އެއް ނޫނެވެ. ދިމާވެގެން އުޅޭ މައްސަލަ ހައްލު ކުރުމުގައި އެހީތެރި ވެދޭށެވެ. ތިބާ އަކީ އޭނާ އަމިއްލަ ހަށިގަނޑަށް ގެއްލުމެއް ދިނުމުން ސަލާމަތް ކުރުމުގެ މެދުވެރިއަކަށްވެސް ވެދާނެއެވެ. ނަފްސާނީ ބަލިމީހަކަށް ވުމުން ދުރުކޮށްދިން މީހާއަށްވެސް ވެދާނެއެވެ. އަދި ދެމަފިރިން އެއްގަލަކަށް އެރުމަށް އެހީވެދޭ މީހަކަށްވެސް ވެދާނެއެވެ.