ހަތަރު އަތޮޅަކަށް ދަތުރުފަތުރުގެ ހިދުމަތް ދޭން ހަވާލު ކުރި ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ދައުލަތުން ދައްކަން ޖެހޭ ގޮތަށް ކުރި ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ބާތިލު ކޮށްދޭން އޭޖީ އޮފީހުން އެދިއްޖެ އެވެ.

އެ މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ދީބާޖާގެ މައްސަލައިގެ ހުކުމް ތަންފީޒުކުރުން ބާތިލްކުރަން އެދިފައިވަނީ ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ ހިލާފަށް، އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ ބައި ކުރިއަށް ގެންގޮސްފައިވާތީ ކަމަށެވެ.

ބަޔާނުގައި ބުނީ ހުކުމް ތަަންފީޒުކުރުމުގައި ސިވިލް ކޯޓުން އަމަލުކުރަމުން އަންނަ އުސޫލުން، ފެބްރުއަރީ 15، 2015ގެ ފަހުން ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން މަހަކު ވަކި ވަރެއް ދައްކަމުން ގޮސް އެ ފައިސާ ހަލާސްކުރާގޮތަށް ހުކުމްކޮށްފައިވާ މައްސަލަތަކުގައި، އެ މަހަކަށް ދައްކަންޖެހޭ ވަރު އެ މަހަކު ދައްކަމުން ނުދާކަން ނުވަތަ ފައިސާ ހަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގާފައިނުވާނަމަ، އެ ހުކުމް ތަންފީޒުކުރުމަށް ކޯޓުން އިސްވެ ފަށާނީ ފައިސާ ދައްކާ ހަލާސްކުރަން ކަނޑައަޅާފައިވާ މުއްދަތަށް ފަހު ކަމަށެވެ. ނަމަވެސް ދީބާޖާ މައްސަލަ ހިންގާފައިވަނީ އެ އުސޫލާ ހިލާފަށް ކަން ފާހަގަކުރި އެވެ.

ދައުލަތަށް މާލީ ބޮޑު ބުރައަކަށް ވާ އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތިލްކުރަން ހުށަހެޅިއިރު، ސިވިލް ކޯޓުގައި އިއްޔެ ވަނީ ހުކުމް ތަންފީޒު މަރުހަލާގެ ފުރަތަމަ އަޑުއެހުން ބާއްވައިފަ އެވެ. ނަމަވެސް އެ އަޑުއެހުން ބާއްވާފައިވަނީ ސިއްރުކޮށްގެންނެވެ.

އޭގެ އިތުރުން ސިވިލް ކޯޓުގައި ބޭއްވި މައްސަލައިގެ އަޑުއެހުން ސިއްރުކޮށްފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ކަމަކަށް ނުފެންނަކަމަށް ބުނެފައިވެއެވެ. ސިއްރު ހިފަހައްޓަންޖެހޭ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުލާނުކުރުމަކާ ނުލައި، ކޯޓުން މީޑިއާއަށް އަންގައި، އެ އަޑުއެހުމުގައި ކަން ހިނގާ ދިޔަ ގޮތުގެ މައުލޫމާތު ކޯޓުން މީޑިއާއަށް އާއްމުކުުރުމަކީ، ދައުލަތުގެ މާލީ ބޮޑު މަސްލަހަތެއް ހިމެނޭ މައްސަލައެއްގައި، ފުރިހަމަ މައުލޫމާތު އެންމެންނަށް ލިބިދިނުމަށް ހުރަސްއެޅުންކަން ވެސް ފާހަގަކުރި އެވެ.


0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *