މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ޖައިކާ މޯލްޑިވަސް ގުޅިގެން މާލޭ ސަރަހައްދުގައި ހުރި ސުކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންނަށް ހާއްސަކޮށްގެން، ކުދިންނަށް ޕީ.އީ(ފިޒިކަލް އެޑިއުކޭޝަން) ކްލާސްތައް ނަގައިދޭނެ ގޮތްތަކަށް އަހުލުވެރި ކުރުވުމަށް ވޯކްޝޮޕެއް ފަށައިފިއެވެ.

މިރޭ އަމީނިއްޔާ ސުކޫލުގައި ފެށި އެ ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދުވަހުގެ ނިޔަލަށެވެ. އެ ވޯކްޝޮޕްގައި ވަނީ މާލޭ، ވިލިމާލެ އަދި ހުޅުމާލޭގެ ސުކޫލުތަކުގެ ޕީ.އީ ޓީޗަރުން ހިމެނޭހެން 280 ޓީޗަރުން ބައިވެރިވެފައެވެ.

އެ ވޯކްޝޮޕާއި ބެހޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، އެޑިއުކޭޝަން މިނިސްޓްރީގެ ފޮރިން ރިލޭޝަންސް ސެކްޝަން، އާމިނަތު އަބުދުލް ލަތީފު ވިދާޅުވީ، އެ ޕީ.އީ ވޯކްޝޮޕް ކުރިއަށްގެންދާތާ މިއީ ދެވަނަ އަހަރު ކަމަށެވެ. 

އާމިނަތު އަބްދުލް ލަތީފު އިތުރަށް ވިދާޅުވީ، ޕީ.އީ ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ރާއްޖެތެރޭގައި ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން، ހދ.މަކުނުދޫގައި ވަރަށް ކާމިޔާބުކަމާއި އެކު އެ ވޯކްޝޮޕް ކުރިއަށް ގެންދެވިފައިވާއިރު، މިއަހަރުގެ ޖޫން މަހު އަރިއަތޮޅުގައި ހުރިހާ ޓީޗަރުންނަށް ހިމަންދޫގައި އެފަދަ ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް އާމިނަތު ވިދާޅުވިއެވެ.

ޓީޗަރުންނަށް މި ޕްރޮގްރާމުގެ ތެރެއިން، އަރީ އަދި ޕްރެކްޓިކަލް ހިމެނޭ ގޮތަށް ރަނގަޅަށް ޕީ.އީ ކްލާހެއް ކުރިއަށް ގެންދާނެ ގޮތުގެ ހުރިހާ ބައިތަކެއް ދަސްވާނެ ކަމަށްވެސް އާމިނަތު އަބްދުލް ލަތީފު ވިދާޅުވިއެވެ. 

އެ ވޯކްޝޮޕް އިފްތިތާހު ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ  ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ، ޕީ.އީ އަކީ ދިރިއުޅުމެއް ބީނާކުރުމުގައި ވަރަށް މުހިންމު ރޯލެއް ކުޅޭ މާއްދާއެއް ކަމަށެވެ. އެބޭފުޅާ އިތުރަށް ވިދާޅުވީ، ދަރިން ސުކޫލަށް ފޮނުވުމުގެ ހަމައެކަނި މަގްސަދަކީ މޮޅު ނަތީޖާއެއް ހޯދުން ނުން ކަމަށާއި، އޭގެ ބަދަލުގައި އެކުއްޖާ ދިރިއުޅުމަށް ތައްޔާރުކުރުންވެސް ހިމެނޭ ކަމަށެވެ. އަދި މި ވޯކްޝޮޕްގެ ސަބަބުން ޓީޗަރުންނަށް ޕީ.އީ ކުލާސްތައް ނަގައިދޭނެ ތަފާތު އެކި ގޮތްތައް ދަސްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *