މިއަހަރު ކުންފުނިތަކަށް މީހުން ހައްޖަށް ގެންދިޔުމުގެ ހުއްދަ ދިން ގޮތާއި ބެހޭގޮތުން އެއްވެސް މައްސަލައެއް ހުށައަޅާފައި ނުވާކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފިއެވެ.
ސިސިލްފަރު ހައްޖު އެންޑް އުމްރާ ގުރޫޕުން އިއްޔެވަނީ މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީއިން ކުންފުނިތަކަށް ދީފައިވަނީ ގޯސްކޮށް ކަމަށް ބުނެ، އެ މިނިސްޓްރީއާއި ދެކޮޅަށް ސިވިލްކޯޓަށް މައްސަލަ ހުށައަޅައިފައެވެ.
ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަދިން ފަސް ކުންފުންޏާއެކު އިސްލާމިކް މިނިސްޓްރީއިން މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައިކަމަށް އިސްލާމިކް މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު ޢަލީ ވިދާޅުވިއެވެ. އަދި ހުއްދަ ދިނުމުގައި އެ މިނިސްޓްރީއިން ޢަމަލުކުރި ގޮތާއިމެދު އެއްވެސް ޝަކުވާއެއް ހުށައަޅާފައި ނުވާކަމަށް ޝާފިއު ވިދާޅުވިއެވެ.
ހައްޖަށް ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިނުމުގައި ޕޮއިންޓް ދޭނެ އުސޫލުތައް ވާނީ ކުރިންވެސް އިއުލާން ކޮށްފައިކަމަށާއި ޕޮއިންޓް ދިނީ އެ އުސޫލުގެ ދަށުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝާފިއު އިތުރަށް ވިދާޅުވީ ހުއްދަދިނުމުގައި ޢަމަލުކޮށްފައިވާނީ ވަރަށް ހާމަކަން ބޮޑުކޮށްކަމަށާއި ނަޒާހާތްތެރިކޮށް ކަމަށެވެ. އަދި އެކަންތައް ކުރިގޮތާއިމެދު ކުންފުންޏަކުން ކޯޓަށް މައްސަލަ ހުށައަޅާނަމަ އޭގެ ފުރިހަމަ މައުލޫމާތު އިސްލާމިކް މިނިސްޓްރީއިން ހޯދުމަށްފަހު މައްސަލަ ހުށައެޅުން ބުއްދިވެރިކަމަށްވެސް ޝާފިއު ވިދާޅުވިއެވެ.
ޝާފިއުވަނީ ހައްޖަށް ގެންދިޔުމުގެ ހުއްދަ ދިން ފަސް ކުންފުނި ފިޔަވައި އެހެން ކުންފުންޏަކަސް ފައިސާ ނުދައްކަން ޢާންމުންނަށް އިލްތިމާސްކުރެއްވުމުގެ އިތުރުން އިސްލާމިކް މިނިސްޓްރީއިން ހުއްދަ ދީފައިވާ އަގަށްވުރެ ބޮޑުއަގެއް އެއްވެސް ކުންފުންޏަކަށް ނުދެއްކުމަށް އިލްތިމާސްކޮށްފައެވެ.