ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ކުށްވެރި ނުވެ، އެ މަގާމުން ވަކިވާ ބޭފުޅުންނަށް، ދައުލަތުން މަހަކު 35،000ރ. ގެ އިނާޔަތެއް ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފި އެވެ.

މިކަމާއި ގުޅޭގޮތުން ރައީސް ގެ ތަރުޖަމާން ހޫދު ވިދާޅުވެފައިވަނީ  ނައިބް ރައީސުންނަށް އިނާޔަތް ދިނުމުގެ ބިލް ރައީސް އަނބުރާ ފޮނުވާ ލެއްވީ ގާނޫނު އަސާސީގެ ރޫހާއި ހިލާފް ކަންތައްތަކެއް އެބިލްގައި ހުރުމުން ކަމަށެވެ.

އެ ގޮތުން ދެ މަހަށް ނައިބު ރައީސްްކަން ކުރައްވައިފި ނަމަ ވެސް އިނާޔަތް ލިބޭގޮތަށް ބިލްގައި އޮތުމާއި، އަބުރާ ނައިބު ރައީސުންނަށް މާލީ އިނާޔަތް ދޭން ކަނޑައަޅާފައިވާ ގޮތުން، ސުވާލު އުފެދޭ ކަންތައްތަކެއް ވެސް ހުރި ކަމަށް ވިދާޅުވި އެވެ. 

އެ ބިލްގެ އިތުރުން، ފަނޑިޔާރުންނަށް އިނާޔަތް ދިނުމާ ބެހޭ ބިލް ވެސް ރައީސްވަނީ އަނބުރާ ފޮނުވާލައްވައިފަ އެވެ. އެ ގޮތުން ދައުލަތަށް މާލީ ބުރަ އުފުލަން ޖެހޭ ގޮތަށް އޮތް އެ ބިލް ފޮނުވާލީ ގާނޫނުއަސާސީގެ 75 ވަަނަ މާއްދާއާ ޚިލާފު ކަމަށް ރައީސް ދެކެވަޑައިގަންނަވާތީ ކަމަށް ހޫދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މަސައްކަތް ކުރަންޖެހޭ ގޮތް ކަނޑައަޅާފައިވާ އެ މާއްދާގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރަން ވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އިސްކަންދީގެން ކަމަށެވެ. އެއްވެސް މެމްބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށާއި އިންތިޚާބުވީ ދާއިރާތައް ތަމްސީލް ކުރުމުގައި މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ރިއާޔަތްކުރުމަށް ވެސް އެ މާއްދާގައި އޮވެ އެވެ.

ނައިބު ރައީސް ކަން ކުރެއްވި ބޭފުޅުންނަށް ރައްކާތެރިކަން ދިނުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. އެ ބިލް ތަސްދީގު ކުރައްވައި ގެޒެޓް ކުރައްވާ ދުވަހުން ފެށިގެން، އެ ބިލްގައިވާ ގޮތުން އިނާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާ ގޮތަށް އޮތީ، ކުރީގެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު ވަހީދުއްދީނަށާއި ޑރ. މުހައްމަދު ޖަމީލް އަހުމަދަށާއި އަބްދުﷲ ޖިހާދަށެވެ.

އެ ބިލް މަޖިލީހަށް ހުށަހަަޅައި ބަހުސްތައް ކުރިއަށް ގެންދިޔައިރުވެސް ސަރުކާރުގެ މައި ޕާޓީކަމަށްވާ އެމްޑީޕީގެ މެންބަރުންވަނީ އެ ބިލާއި ދެކޮޅަށް ވާހަކަ ދައްކައި ބިލް ފާސްވިޔަ ނުދޭން މަސައްކަތް ކުރާނެކަމަަށް ބުނެފައިވާކަން ފާހަގަކޮށްލެވެއެވެ.

ހަމަ އެހެންމެ އެ ބިލާއިމެދު ހިތްހަމަ ނުޖެހި އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *