ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ލ.ފޮނަދޫގައި އިމާރާތްކޮށްފައިވާ 50ގޭގެ ތެރެއިން 27 ގެއަކަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފޮނަދޫގައި އިމާރާތްކޮށްފައިވާ ގެތަކަށް އެދުމަށް ފޯމް ހުށަހަޅަން ފުރުސަތު ހުޅުވާލީ އިއްޔެއެވެ. އަދި ފޯމް ބަލައިގަތުން މިމަހުގެ 19 އިން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. 

ލ.އަތޮޅު ކައުންސިލް އިދާރާއިން ބުނީ، ގެތަކަށް އެދޭ ފޯމް، ލ.އަތޮޅު ކައުންސިލް އިދާރާއިންނާއި، ލ.އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކުންނާއި އަދި، އަތޮޅު ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އެ އިދާރާއިން އިތުރަށް ބުނީ، ފޯމް ބަލައިގަންނާނީ ހަމައެކަނި ލ.އަތޮޅު ކައުންސިލް އިދާރާއިން ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ފޯމް ހުށަހަޅަން ހުޅުވާލީ، 27 ގެއަކީ، ރައްޔިތުންގެ ތެރެއިން ބޭނުންވާ ފަރާތްތަކަށް ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކައި ޚަލާސްކުރާ ގޮތަށް ދޫކުރަން ހަމަޖެހިފައިވާ ގެތަކެކެވެ. 

އެ 27 ގޭގެ ތެރެއިން ގެއަކަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 21 ފުރިފައިވާ މީހަކަށް ވުުމުގެ އިތުރުން ލ.އަތޮޅުގެ ރަށްވެހިކަން އޮތް މީހަކަށްވެސް ވާންޖެހެއެވެ. އަދި، ރާއްޖޭގެ އެއްވެސް ރަށެއްގައި، ގެއަށް އެދި ފޯމް ހުށަހަޅާ ފަރާތުގެ ނަންމަތީގައި ގޯއްޗެއް ވާނަމަ، އެ ގޯތި ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށް ވާންޖެހެއެވެ.

އެ 27 ގެ ދޫކުރާއިރު، މީހަކާއި އިނދެގެން ދަރިން ތިބި މީހުންނަށާއި އަދި އުޅޭނެ ރަނގަޅު ބޯހިޔާވަހިކަމެއް ނެތް މީހުންނަށާއި، އަދި ފޮނުދޫގައި ރަށްވެހިކަން އޮތް މީހުންނާއި އަދި ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ވުން ނުވަތަ އެފަދަ މީހަކު ބަލާ މީހުންނަށް އިސްކަންދޭ ގޮތަށްވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *