ޗައިނާގެ ޝީންޖަންގްގައި ގާތްގަނޑަކަށް އެއް މިލިއަނާއި ދެ މިލިއަނާއި ދެމެދުގެ އަދަދެއްގެ މުސްލިމުން ޗައިނާގެ ކޮމިއުނިސްޓް ޕާޓީއެއްގެ ބެލުމުގެ ދަށުގައި ހައްޔަރުގައި އެބަތިއްބެވެ.
އެ ކޮމިއުނިސްޓް ޖަމާއަތުގެ އަތްދަށުން މުސްލިމުންނަށް އަނިޔާތަކާއި ގޯނާތައް ލިބެމުން އަންނަ ކަމަށް ޝީންޖަންގުން ނެރުން ބައެއް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. ނަމަވެސް ބޭރު ގައުމުތަކުގެ ސަރުކާރުތައް އަންނަނީ އެ ކަންތައް ނޭނގޭކަމަށް ހަދަމުންނެވެ.
ޗައިނާގެ ހިއުމަން ރައިޓްސް ވޮޗްގެ ޑިރެކްޓަރ ސޯފީ ރިޗާޑްސަން ބުނީ، އެހެން ގައުމެއްގައި އެއް މިލިއަނެއްހާ މުސްލިމުން ހައްޔަރުގައި ތިބިނަމަ ދުނިޔޭގެ ފެންވަރުގައި މީހުން އެކަން ކުށްވެރިކުރާނެ ކަމަށެވެ. އަދި ޗައިނާއަކީ ވަރަށް ބާރުގަދަ، ދުނިޔޭގެ ފެންވަރުގެ ވަސީލަތްތަކާއި ނިޒާމުތައް ހުރި ގައުމަކަށް ވުމުން އެ ގައުމުގައި ހިނގާ ކަމަކާއި ދެކޮޅަށް ބަސްބުނަން އުނދަގޫވަނީ ކަމަށްވެސް ސޯފީ ވިދާޅުވިއެވެ.
ސޯފީ އިތުރަށް ބުނީ، ޗައިނާގެ އާމްދަނީ އިތުރުވާ ވަރަކަށް އެ ގައުމުގައި ސަލާމަތީ ރައްކާތެރިކަން އިތުރުވާނެކަން މީހުން ދެކޭ ދެކުމަކީ ހަމައެކަނި ހުވަފެނެއްކަމަށެވެ. އަދި އެކަމުގެ ބަދަލުގައި ޗައިނާއަކީ އެ ގައުމުގެ އިކޮނޮމިކް ވަސީލަތްތައް ބޭނުންކޮށްގެން ޔުނައިޓެޑް ނޭޝަންސް (ޔޫއެން)އަށް ބާރުފޯރުވަން މަސައްކަތްކުރާ ގައުމެއްކަމަށްވެސް ސޯފީ ބުންޏެވެ.
މުސްލިމުން ބަންދުގައި ބަހައްޓަނީ ކޭމްޕްތަކެއް ބަހައްޓައިގެންނެވެ. އެ ކޭމްޕްތައް ހަދައި އެތަނަށް މުސްލިމުން ވައްދަން ފެށިތާގައި ދެ އަހަރަށްވުރެ ގިނަ ދުވަސް ވާނެ ކަމަށް އެގައުމުގެ ރިޕޯޓުތަކުން ބުނެއެވެ.
އެ ކަންތައް ކުރިއަށް ގެންދަނީ ޗައިނާގައި ހައްދުފަހަނަ އަޅައިދާ މީހުން ނައްތައިލުމަށްކަމުގެ ބަހަނާގައިކަމަށް ވިނަމަވެސް ހަގީގަތުގައި މިކަންތައް ކުރަނީ ޗައިނާގެ ތެރެއިން މުސްލިމުން މުޅިން ނައްތާލުމަށެވެ.
އެކަން ޗައިނާގައި ފުޅާ ދާއިރާއެއްގައި ހިންގާއިރުވެސް ދުނިޔޭގެ ތަފާތު ހިސާބުގެ ސަރުކާރުގެ އިސް މީހުން އަންނަނީ އެ ކަންތައް ވާކަން ނޭނގޭކަމަށް ބުނަމުންނެވެ. މިގޮތުން ޕާކިސްތާނު، އިންޑޮނޭޝިއާ ފަދަ ގައުމުތަކުގެ އިތުރުން ޔުނައިޓެޑް ނޭޝަންސް ގެ އިސް މީހުން ވަނީ މިކަމާއި ބެހޭގޮތުން މާ ބޮޑު މައުލޫމާތެއް ނޭނގޭކަމަށް ބުނެފައެވެ.
މިކަމުގައި އެންމެ ހިތާމަހުރި ކަމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން އިންވެސް މިކަމަށް ހިތްވަރުދިނުމެވެ. އިސްލާމިކް ކޯޕަރޭޝަން އިން ބުނީ މުސްލިމުން މި ކޭމްޕްތަކުގައި ބަހައްޓަނީ މުސްލިމުންނަށް އަޅައިލުން ދިނުމަށާއި އެ ގައުމުގެ ސެކިއުރިޓީއަށް ކަމަށެވެ.
ޔޫއެސް އާއި އީޔޫ އަދި ޓާރކީ އިން ވަނީ މިކަމާއި ބެހޭގޮތުން ބަހެއް ބުނެފައެވެ. ނަމަވެސް ކައުންސިލް އޮފް ފޮރިން ރިލޭޝަންސް އިން ބުނީ އެއްވެސް ގައުމަކުން ބަހުން ޢަމަލު ކުށްވެރިކުރުމުގެ އިތުރަށް އެއްވެސް ފިޔަވަޅެއް އަޅައިފައިނުވާ ކަމަށެވެ.