މާލެ ސިޓީގެ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރ އުފުލުމުގެ މަސައްކަތް ކުރަމުންދިޔަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ވެހިކަލެއް އަރިއަޅައިލައިފިއެވެ.
އެމްޕީއެލްގެ މުވައްޒަފަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް "ޖަޒީރާ ނިއުސް"އަށް މައުލޫމާތު ދެމުން ބުނީ އެ ހާދިސާ ހިނގީ ރޭގެ ވަގުތެއްގައި ކަމަށާއި އެއީ ނުރައްކާތެރި ހާދިސާއެއްކަމަށް ވިނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
ހާދިސާ ހިނގި ގޮތް ކިޔައިދެމުން އެމްޕީއެލްގެ މުވައްޒަފު ބުނީ، ވެހިކަލް އަރިއަޅާލައިފައިވަނީ ހުސް ކޮންޓެއިނާއެއް އުފުލަން އުޅެނިކޮށް ވެހިކަލްގެ ޖެކެއްގެ ޕިނެއް ބިންދައިގެން ދިޔުމުންކަމަށެވެ.
ވެހިކަލް އަރިއަޅައިލައިގެން ގޮސް އެތަނުގައި ބަރި ޖަހާފައި ހުރި ކޮންޓެއިނާތަކެއްގައި ޖެހި އެތަނުން ތިން ކޮންޓެއިނާ އަރިއަޅާލި ކަމަށް އޭނާ ބުންޏެވެ.
މި ނުރައްކާތެރި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވިނަމަވެސް މީގެ ކުރިން އެމްޕީއެލްގައި ހިނގައިފައިވާ ބައެއް އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަވެސް ގޮސްފައިވެއެވެ.