ށ.ޅައިމަގުގައި މަރާލާފައި، ކަނޑު ފެއްތި ބިދޭސީއެއް ކަމަށްވާ ލުތުފަރު، މަރާލި ގޮތާއި އަދި ކަނޑު ފެއްތި ގޮތް އޭނާގެ އެކުވެރިން ފުލުހުންނަށް ކުޅެދީފިއެވެ.
އެ ތިން ބިދޭސީން އެ މަންޒަރު ކުޅެފައި ފުލުހުންނަށް ދައްކަނިކޮށް ފެނި، އެ ރަށުމީހަކު ބުނީ، ލުތުފަރު މަރާލީ އޭނާ މަސައްކަތް ކުރާ ބޯޓް ތެރޭގައި ކަމަށާއި، އޭނާ މަރާލީ، ދަންވަރުގެ ވަގުތުގައި އަރިކަށިމަތީ އެއްޗަކުން ޖަހައި ހޭނައްތާލުމަށް ފަހު ކަރުގައި ހިފައިގެން ކަމަށެވެ. އަދި އޭނާގެ ޓީޝާޓު ބޭލުމަށް ފަހު ގައިގާ، ކުކިންއޮއިލް ހުސް ކުރި ބޮޑު ރީނދޫ ހަމެއް އައްސައި ފަޅުތެރެއަށް ދޫކޮށްލީ ކަމަށެވެ.
އޭނާ ބުނިގޮތުގައި ލުތުފަރުގެ ހަށިގަނޑުގައި އެއްސި ރީނދޫހަން ކަނޑާލުމަށް އެ މީހުން ވެސް ކަނޑަށް ފުންމާލި އެވެ. އެ ހަމާއި ލުތުފަރުގެ ޓީޝާޓު ވަޅުލީ ޅައިމަގުގެ ވަލުތެރޭގަ އެވެ. އެ އެއްޗެހި ވަޅުލާފައި ދެ ބިދޭސީން ނިކުތްތަން އެ ރަށުގެ އަންހެނަކަށް ވަނީ ކުރިން ފެނިފަ އެވެ.
ލުތުފަރު މަރާލި މައްސަލައިގަ ފުލުހުން ވަނީ، ހަތަރު ބިދޭސީން ހައްޔަރުކޮށްފައެވެ. އެ މައްސަލައިގަ ފުލުހުން ހައްޔަރުކުރި ހަތަރު ބިދޭސީންނަކީ ލުތުފަރާއި އެކު އެ ބޯޓްގައި މަސައްކަތް ކުރި ހަތަރު މީހުންނެވެ.