ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ބިސްކޯދެއްކަމަށްވާ، އޯރިއޯގެ އާ 5 ވައްތަރުގެ ފްލޭވަރ ނެރެން އުޅޭކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ބޭރުގެ ހޫނު މޫސުމާއި ދިމާކޮށް ނެރެން އުޅޭ އޯރިއޯގެ ފަސް ފްލޭވަރގެ ނަމާއި އެ ބިސްކޯދުގެ ތަސްވީރުވެސް ވަނީ ޢާންމުކޮށްފައެވެ.
ފުރަތަމަ މޭ މަހުގެ 13 ވަނަ ދުވަހުން ފެށިގެން ޢާންމުންނާ ހަމައަށް ލިބޭނެ ފްލޭވަރގެ ނަމަކީ "S'mores" އެވެ. ގްރަހަމް ކްރެކަރގެ ބިސްކޯދަކާއެކު މާރޝްމެލޮވް އަދި ޗޮކްލެޓް ކްރީމް އެއް ހުންނަ މި އޯރިއޯ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރަން ދުވަސްގަނޑެއް ނަގާނެ ކަމަށް ވެއެވެ.
ދެން ޖޫންމަހުގައި ނެރެން ހަމަޖެހިފައިވާ ފްލޭވަރގެ ނަމަކީ އޯރިއޯ ތިންސް ލާޓޭއެވެ. މި ބިސްކޯދަކީ ކުރީގެ އޯރިއޯ ބިސްކޯދަށްވުރެ ތުނި، އޭގެ ކްރީމްގައި ލާޓޭ ކޮފީގެ ފްލޭވަރ އެކުލެވިގެންވާ ބިސްކޯދެއް ކަމަށްވެއެވެ.
ޖޫންމަހުގެ މެދެއްހާ ހިސާބުގައި ޢާންމުންނާ ހަމައަށް ނެރޭނެ އޯރިއޯގެ ފްލޭވަރ އަކީ އޯރިއޯ މާރޝްމެލޮވް މޫންއެވެ. މި ފްލޭވަރ ނެރެފައިވަނީ މޫން ލޭންޑިންގ އަށް 50 އަހަރު ފުރުމުގެ މުނާސަބާތުގައެވެ. މި ބިސްކޯދުގެ ޑިޒައިނުގައިވެސް ހަނދު ފަޅިއަކާއި ތިން ތަރި އިނދެއެވެ. މި ބިސްކޯދުގެ ކްރީމްގައި ހުންނަނީ ދަނބުކުލައިގެ މާރްޝްމެލޮވް ފްލޭވަރ އެކެވެ.
ޖުލައި މަހުގައި ނެރެން ހަމަޖެހިފައިވާ އޯރިއޯގެ ބިސްކޯދު ވެގެންދާނީ ވަރަށް ތަފާތު ފްލޭވަރ އެއްގެ ބިސްކޯދަކަށެވެ. މަޝްހޫރު އައިސްކްރީމް ބްރޭންޑެއް ކަމަށްވާ ބާސްކިން-ރޮބިންސް އާއި އޯރިއޯ ޕާޓްނަރ ހަދައިގެން ނެރޭ މި ބިސްކޯދަށް ކިޔަނީ މިންޓް ޗޮކްލެޓް ޗިޕް އެވެ. މި ބިސްކޯދުގައި ހުންނަ ކްރީމްގެ ފްލޭވަރއަކީ ބާސްކިން ރޮބިންސްގެ އައިސްކްރީމް ފްލޭވަރއެއްކަމަށްވާ މިންޓް އެންޑް ޗޮކްލެޓް ޗިޕްސްއެވެ. މި ފްލޭވަރ އިން ދޭނީ މިންޓް ރަހައެއްގެ އިތުރުން ކްރީމްގައި ހުރި ޗިޕްސްތަކުންދޭ ޗޮކްލެޓް ރަހައެވެ.
އޮގަސްޓްގައި ނެރެން ހަމަޖެހިފައިވާ އޯރިއޯގެ ފްލޭވަރ އަކީ މޭޕަލް ކްރީމްއެވެ. ހޫނު މޫސުމުން ބަހާރު މޫސުމަށް ދާއިރު އޯރިއޯއިން ބޭނުންވީ ބަހާރު މޫސުމާއި ގުޅޭ ފްލޭވަރ އެއް ނެރޭށެވެ. މިގޮތުން އޯރިއޯ އިން ނެރުނީ މޭޕަލް ކްރީމް ފްލޭވަރއެކެވެ.