ބައެއް މީހުންނަކީ ވަރަށް އަމިއްލަ އެދުން ބޮޑު ބައެކެވެ. އެފަދަ މީހުން ހަމައެކަނި ވިސްނާނީ އަމިއްލަ ފައިދާއަށާއި އަމިއްލަ އުފަލަށެވެ. އަމިއްލަ މީހާ އުފަލުގައި ހުރުމަށް އަނެކާގެ އުފާތައް ފޭރިގަންނަންވެސް އެފަދަ މީހުން ފަހެއް ނުޖެހޭނެއެވެ. އެހެން މީހުންގެ އިހްސާސްތައް ދެނެގެންނާކަށް އެމީހުންނަކަށް ނޭނގޭނެއެވެ. އެ މީހުންނަށް އެމީހުން ބޭނުންވާ ކަމެއް ނުވަތަ އެއްޗެއް ހާސިލުވުމުން އެނިމުނީއެވެ. އެކަމެއްގެ ސަބަބުން އެހެން މީހުންނަށް ކިތަންމެ އުނދަގުލަކާއި ހިތާމައަކާއި ކުރިމަތިލާންޖެހުނަސް ވެހެވެ.
އަމިއްލަ އެދުން އިސްކުރުމާއި، އެހެން މީހުންނާއި ދޭތެރޭ އިހާނެތިކޮށް ކަންތައްކުރުމުގެ އާދަ މުސްލިމުންގެ ތެރޭގައި އޮވެގެން ނުވާނެއެވެ. މުސްލިމުން ވާންޖެހޭނީ އަމިއްލަ މީހާގެ އުފާތަކަށް ސަމާލުކަން ދޭ މިންވަރަށް އެމީހާގެ އަޚާގެ އުފާވެރިކަމަށްވެސް ސަމާލުކަން ދޭން ބަޔަކަށެވެ. މުސްލިމުން ވާން ޖެހޭނީ، އެއްބައިވަންތަ އެކުވެރި ބަޔަކަށެވެ. ތިބާގެ އަޚާގެ އުފާވެރިދުވަސްތަކުގެ ހިއްސާއަކަށް ވާ ބީދައިން، ތިބާގެ އަޚާގެ ދިރިއުޅުމަށް އަންނަ ކަނު އަނދިރި ދުވަސްތަކުގައި ވެސް އޭނާގެ ހިތްވަރަކަށެވެ. މުސްލިމުން ވާން ޖެހޭނީ އެކަކު އެނަކަކަށް އަޅައިލާ އޯގާވެރި ބަޔަކަށެވެ. އެއްވެސް ހާލެއްގައި އަނެކާއަށް ދެރައެއް ދިނުމަށް މަސައްކަތްކުރާ ބަޔަކަށް އަޅުގަނޑުމެން މުސްލިމުން ވެގެން ނުވާނެއެވެ.
ދުނިޔޭގައި އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހަމަގައިމުވެސް މިދުނިޔޭގައި ހަމަޖެހިގެން އަބަދު އުފަލުގައި އެއްވެސް މީހަކަށް ނޫޅެވޭނެއެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ހިތާމައާއި ވޭނުގެ ސިއްރަކަށް ނުވަތަ އެ ހިތާމަވެރިކަމުގެ ފަހަތުގައި އަޅުގަނޑުމެންގެ ގާތް މީހަކު ވާތީއެވެ. ނުވަތަ ދަންނަ މީހަކު ވާތީއެވެ. އުފަލުގައި އެކީގައި ލޯބިން އުޅޭ ދެމީހެއްގެ ދޭތެރެއަށް ވަދެ ހުރިހާ ކަމެއް ބޮއްސުންލައްވާލާ މީހަކީ އަޅުގަނޑުމެންގެ އަޚަކަށް ވާތީއެވެ. ތިބާއަށް އެހެން މީހެއްގެ ދިރިއުޅުމަށް ވަދެ އެމީހާގެ ދިރިއުޅުން ހަރާބުކޮށްލައި، ހުރިހާ އުފާތަކެއް ފޭރިގަތުމުން ވާނެ ފައިދާއެއް ވަކި އޮންނާނެތޯއެވެ؟ ފަހަރެއްގައި ވަގުތީ ފައިދާއެއް ވެދާނެއެވެ. އެހެންނަމެވެސް މީހެއްގެ އުފާތައް ފޭރިގަންނަ މީހަކަށް ވެސް އުފަލެއް ނުލިބޭނެއެވެ.
ދުނިޔެއަކީ ކެހިވެރި
ތަނެކޭ ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. އަޅުގަނޑުމެން އުޅެމުންމިދާ ދުނިޔޭގައި ގިނަ ފަހަރަށް ތިބާއަށް ލަނޑު ދޭނީ
ތިބާއަށް އެންމެ ހެޔޮ އެދިގެން އުޅޭ މީހާއެވެ. ތިބާގެ އުފާތަކަށް އަނގުރު އަލިފާން އަޅާނީވެސް ގިނަ ފަހަރަށް ތިބާ އެންމެ
ގާތްކޮށް ގެންގުޅޭ އެންމެ އިތުބާރު ކުރާ މީހާއެވެ. ހަގީގަތަކީ ގިނަ މީހުންނަކީ އަމިއްލަ އެދުމުން ފުރިފައިވާ ބައެއް ކަމެވެ. ބައެއް މީހުންނަށް މީހުންގެ
އުފާތައް ފޭރިގަތުން އެބައިމީހުންނަށް ވަނީ ލިބޭ އުފަލަކަށެވެ. މީހެއްގެ އުފާތައް ފޭރިގަނެފައި މިއަދު ފަހަރެއްގައި އުފަލުގައި އުޅެވިދާނެއެވެ. ނަމަވެސް މާދަމާ އެމީހާ އެކަމުގެ ހިތާމަ ކުރަން ޖެހިދާނެއެވެ.