ތ. ތިމަރަފުށީގައި މިދިޔަ މާރިޗު މަހު ހިނގި އެކްސިޑެންޓުގައި ޒަޚަމްވި، ތ. ވަންދޫ، ޒުލޭޚާ އަބްދުުލް ޣަނީއަށް ސްރީ ލަންކާގައި ފަރުވާދެމުން އަންނަނިކޮށް މިރޭ ނިޔާވެއްޖެ ކަމަށް އޭނާގެ އާއިލާއާއި ހަވާލާދީ ފުލުހުން ދެންމެ ބުނެފި އެވެ.
ފުލުހުން ބުނީ މާޗް 12 ވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުލޭޚާ މިރޭ ދަންވަރު 1:20 ގައި ނިޔާވެފައިވާ ކަމަށް އާއިލާ އިން ފުލުހަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެކްސިޑެންޓްގައި ލިބުނު ބޮޑެތި އަނިޔާތަކަށް ޒުލޭހާއަށް ލަންކާގައި ފަރުވާދެމުން އައި ނަމަވެސް އެކްސިޑެންޓަށް ފަހު އޭނާ އޮތީ ކޯމާއެއްގައި ކަމަށް އާއިލާއިން ބުނެއެވެ.
ފިރިމީހާއާއި އެއްކޮށް ތިމަރަފުށީ އެއަރޕޯޓަށް ދާ މަގުން ހިނގާފައި ދަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި އައި ވޭނަކުން ޖެހި އުމުރުން 52 އަހަރުގެ ޒުލޭޚާ އަށް ލިބުނު އަނިޔާތަކުގެ ސަބަބުން ސިކުނޑީގެ ތިން އޮޕަރޭޝަނެއް، ކޮށްފައިވެއެވެ. އޭގެ ތެރެއިން ފުރަތަމަ އޮޕަރޭޝަން ކުރީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ. ފަހު ދެ އޮޕަރޭޝަން ކުރީ ލަންކާގަ އެވެ.
އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ޒުލޭހާ ލަންކާ އަށް ގެންދެވުނީ މާރިޗު މަހުގެ 23 ވަނަ ދުވަހުއެވެ.
ފުލުހުން މިދިޔަ މަހު ބުނެފައި ވަނީ ޒުލޭޚާގެ ގައިގައި ޖެހުނު ވޭން ދުއްވަން އިން ފިރިހެން މީހާގެ ލައިސަންސް ދެ އަހަރުގެ މުއްދަތަކަށް ހިފަހައްޓާފައިވާ ކަމަށެވެ. އަދި ފުލުހުން މިރޭ ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ތ. އަތޮޅުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ގޮތްޕަށް މައްސަލަ ހަވާލު ކޮށްފައިވާ ކަމަށެވެ.