މިފަހަރުގެ ޕްރިމިއާ ލީގު ތަށްޓަކީ ކެރިއަރުގައި މިހާތަނަށް ހޯދުނު އެންމެ އުނދަގޫ ތަށި ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
"މިދިޔަ ސީޒަނަށް ވުރެ ބޮޑަށް މި ސީޒަނުގައި އަހަރުމެންގެ ފެންވަރު މަތިކުރަން ޖެހުނު. އެއް ފެންވަރެއްގައި އަހަރުމެންނަށް ހިފެހެއްޓުނީ އެކަމަށް ލިވަޕޫލުން ވެސް އެހީވުމުން. މިފަހަރު ލީގު ހޯދުމަށް އަހަރުމެން ޖެހުނު ޖެހިޖެހިގެން 14 މެޗުން މޮޅުވާން. އެންމެ ޕޮއިންޓެއް ވެސް ވައްޓާލެވޭކަށް ނެތް. މިއީ އަހަރެންގެ ކެރިއަރުގައި މިހާތަނަށް ހޯދުނު އެންމެ އުނދަގޫ ތަށި" ގާޑިއޯލާ ބުންޏެވެ.
ސިޓީ އަށް ބަދަލުވުމުގެ ކުރިން ގާޑިއޯލާ ވަނީ ސްޕެއިންގެ ބާސެލޯނާ އަށް ކޯޗުކޮށްދީ، އެ ކްލަބާއެކު ސްޕެނިޝް ލީގު ތިން ފަހަރު އަދި ޖަރުމަނުގެ ބަޔާން މިއުނިކަށް ކޯޗުކޮށްދީ އެ ކްލަބާއެކު ޖަރުމަނު ލީގު ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.
ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ހޯދުމަށް ސިޓީން އަންނަ ސީޒަނުގައި ނިކުންނައިރު، ގާޑިއޯލާ ބުނީ އަންނަ ސީޒަން މިއަށްވުރެ ވެސް އުނދަގޫ ވާނެ ކަމަށާއި ނަމަވެސް ސިޓީ ވެސް މިއަށްވުރެ ވަރުގަދަ ވާނެ ކަމަށެވެ.
ލީގަށް މިފަހަރު އެންމެ ކައިރިން ސިޓީއާ ވާދަކޮށްފައިވަނީ ލިވަޕޫލް އިންނެވެ. އެގޮތުން ސިޓީ އަށް ލީގު ކަށަވަރުވީ އެންމެ ފަހު މެޗުގައި ބްރައިޓަންގެ މައްޗަށް 1-4 އިން ކުރި ހޯދުމުންނެވެ. ސިޓީން ލީގު ނިންމާލީ 98 ޕޮއިންޓާ އެކުއެވެ. ލިވަޕޫލް ލީގު ނިންމާލީ 97 ޕޮއިންޓާ އެކުއެވެ.